Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

"އޯލާ" ޓެކްސީއެއްގައި ދަތުރު ކުރި މީހަކު ކިޑްނެޕްކޮށްފި

މި މަހުގެ ކުރީކޮޅު އިންޑިއާގެ މަޝްހޫރު ޓެކްސީ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ އޯލާގެ ކާރެއްގައި ދަތުރުކުރި ޑޮކްޓަރަކު ކިޑްނެޕް ކޮށްފިއެވެ.

13 ދުވަހަށް ދެމިގެންދިޔަ އެ މައްސަލަ ތަހުޤީގު ކުރުމަށްޓަކައި ދިއްލީގެ 200 ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ. އެ ތަހުޤީގަށް ނިމުމެއް އައީ ބުދަ ދުވަހު ހަތަރު ކިޑްނޭޕަރުން ހައްޔަރު ކުރުމަށްފަހު އެ ޑޮކްޓަރު ސަލާމަތް ކުރުމާއި އެކީގައެވެ. ނަމަވެސް އެމައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ފަސް މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ދަނީ ކުރަމުންނެވެ.

އެ ޑޮކްޓަރު ކިޑްނެޕް ކުރުމަށްފަހު ކިޑްނޭޕަރުން ވަނީ 5 ކްރޯޑް ރުޕީސް ދިނުމަށް އޯލާ ކުންފުންޏަށް އިންޒާރު ދީފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެމީހުން ޑޮކްޓަރު މީހާ ކިޑްނެޕްކޮށްފައި ވަނީ ހަމައެކަނި އޯލާ ކުންފުނިން ބަދަލު ހިފުމަށްޓަކައެވެ. ކިޑްނެޕް ކުރެވުނު ޑޮކްޓަރަކީ ދިއްލީގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ ހައިދަރްއާބާދަށް ނިސްބަތްވާ ސްރީކާންތް ގައުޑް އެވެ. އޭނާ ވަނީ ޖުލައި 6 ވަނަ ދުވަހު ނޮއިޑާ ގައި އޮތް ޕާޓީއެއް ނިންމާލުމަށްފަހު އެނބުރި ގެއަށް އައުމަށްޓަކައި އޯލާ އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީއެއް ބުކް ކޮށްފައެވެ. ސްރީކާންތް ޓެކްސީ އަށް އެރުމާއިއެކު ޑްރައިވަރު ވަނީ ކާރުގެ ކުޑަދޮރުތައް ލައްޕައި ހުރިހާ ދޮރެއް ތަޅުލާފައެވެ. ސްރީކާންތް ފުލުހުންނަށް މަޢުލޫމާތު ދިން ގޮތުގައި ނޮއިޑާ ފަހަނައަޅައި ދެވުނު އިރުވެސް ޑްރައިވަރު ދިޔައީ ދުއްވަމުން ކަމަށާއި، މަޑުން ނެތްނަމަ އޭނާ މަރާލާނެ ކަމަށް އިންޒާރު ދިން ކަމަށެވެ. އެގޮތުން ނޮއިޑާ އިން ޑްރައިވަރުގެ ތިން ބައިވެރިން ވަނީ ކާރަށް އަރާފައެވެ. އެއަށްފަހު އެމީހުން ދިޔައީ ދާދްރީ އަށެވެ.

ފައިސާ ހޯދުމަށްޓަކައި އެންމެ ފުރަތަމަ ކިޑްނޭޕަރުން ގުޅާފައި ވަނީ ޖުލައި 7 ވަނަ ދުވަހު އޯލާ އަށެވެ. އެހެންނަމަވެސް އޯލާ އިން އެކަމަށް އިންކާރު ކުރުމުން ދެން އެމީހުން ގުޅީ ސްރީކާންތް މަސައްކަތް ކުރާ ހޮސްޕިޓަލަށެވެ. އެމީހުން ވަނީ ބިރުދެއްކުމުގެ ގޮތުން ސްރީކާންތްގެ ވީޑިއޯ އާއި ފޯޓޯ ނެގުމަށްފަހު އޯލާ އަދި ސްރީކާންތްގެ އާއިލާ އަށް ފޮނުވާފައެވެ.

ކިޑްނޭޕަރުން ހައްޔަރު ކުރުމުގެ ތެރޭގައި ބަދަލު ކުރެވުނު ބަޑީގެ ހަމަލާގައި އޭގެއިން އެކަކަށް ވަނީ އަނިޔާވެފައެވެ.

ކިޑްނޭޕަރުންގެ ތެރޭގައި އެއްބަނޑު އެއްބަފާ ދެބެން ހިމެނޭ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އެ ދެމީހުން ވެސް ވަނީ މީގެ ކުރިން އޯލާ ގައި މަސައްކަތް ކޮށްފައެވެ. އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ މިހާރު ކުރަމުންނެވެ.