ހަފްތާ ނިމުމުގެ ކުރިން ރާއްޖޭގައި ބޮޑު ކަމެއް ހިނގާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުމާއި މަރުގެ އަދަބު ތަންފީޒު ކުރުމާއި ގުޅުމެއް ނުވާކަމަށް ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީން މިހަފްތާ ތެރޭގައި ރާއްޖޭގައި ބޮޑުކަމެއް ހިނގާނެކަމަށް ވިދަޅުވުމާއި ގުޅިގެން އެކި ވާހަކަތައް ދަނީ ސޯޝަލް މީޑިއާ އާއި އެކި ގޮތް ގޮތުން ފެތުރެމުންނެވެ.
މިކަމަށް އިޝާރާތް ކުރައްވައި ހޯމް މިނިސްޓަރ އަޒްލީން ޓްވިޓާ ގައި ވިދާޅުވީ މައުލޫމާތު ފެތުރުމުގައި އިތުރަށް ޒިންމާދާރުވެ ފެތުރޭ މައުލޫމާތުގެ ސައްހަކަމަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ހޯމް މިނިސްޓަރ މިފަދައިން ޓްވީޓް ކުރައްވާފައިވާ އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ސާމާން ގެނެސްފައިވާ ކަމަށް މިނިސްޓަރ ވަނީ މީޑިއާތަކަށް އިންޓަވިއު ދެއްވާފައެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒު ކޮށްފައިވަނީ 1953 ވަނަ އަހަރުއެވެ.