Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

"ބޭނުންވީ ހަތަރު ކުޅުންތެރިން، އެކަމަކު ތިނަކުން ވެސް ފުދޭނެ"

މި ޓްރާންސްފާ މާކެޓުގައި ހަތަރު ކުޅުންތެރިން ޔުނައިޓެޑަށް ގެނައުމަށް ބޭނުންވި ކަމަށާއި ނަމަވެސް މާކެޓު އުނދަގޫ ކަމުން ތިން ކުޅުންތެރިން ލިބުނަސް ފުދޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފި އެވެ.

މާދަމާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މެން ސިޓީއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން މޮރީނިއޯ ބުނެފައިވަނީ 4 ކުޅުންތެރިން ހޯދުމަށް ބޯޑުގައި އެދުނު ކަމަށެވެ. އޭގެތެރެއިން ދެކުޅުންތެރިން މިހާރު ސޮއިކޮށްފައިވާއިރު އަދި އެއް ކުޅުންތެރިޔަކު ގެންނާނެ ކަމަށް މޮރީނިއޯ ވަނީ އިޝާރާތް ކޮށްފައެވެ.

ބެންފީކާގެ ޒުވާން ޑިފެންޑަރު ވިކްޓާ ލިންޑެލޮފް ޓްރާންސްފާ ސީޒަނުގެ ކުރީކޮޅު ޔުނައިޓެޑަށް ގެނެސްފައިވާއިރު މިދިޔަ ހަފްތާގައި އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ 75 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ގެނެސްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުގެ ފަހު ޓްރާންސްފާއަކަށް ވެގެންދާނީ އިންޓަ މިލާނަށް ކުޅެމުން އަންނަ އިވަން ޕެރިސިޗްއެވެ.

ޗެލްސީއިން މޮރާޓާ ގެނެސްފައިވާއިރު އެކަމާއި ގުޅިގެން ބުނާނީ ކީކޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މޮރީނިއޯ ބުނެފައިވަނީ އެހެން ކުލަބުތަކުން ގެންނަ ކުޅުންތެރިންނަކީ އޭނާ ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ.