އަންނަ ބުދަ ދުވަހު ފާހަގަކުރާ ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ނަވާޒް ރާއްޖެއަށް އައުމަށް ގަސްދުކުރައްވާފައިވަނީ އަންނަ އަންގާރަ ދުވަހުގައެވެ. މި ދަތުރުފުޅަކީ ރައީސް ޔާމީންގެ ޚާއްސަ އެދިލެއްވުމެއްގެ މަތިން ކުރައްވާ ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިދިޔަ ދެ އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ފާހަގަ ކުރެއްވުމަށް ދިވެހި ސަރުކާރުން ނަވާޒް ޝަރީފަށް ދައުވަތު އަރުވާފައިވެއެވެ. ނަމަވެސް މިދިޔަ އަހަރު އެމަނިކުފާނުގެ ސިއްހީ ހާލުކޮށް ދަށްވުމުގެ ސަބަބުން ނާދެވުނުއިރު 2015 ވަނަ އަހަރުގެ ކުލަގަދަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވުނީ އެދަނޑިވަޅުގައި ޕާކިސްތާނަށް ކުރި ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ބޮޑު ކާރިސާއަކަށް ވުމުގެ ސަބަބުންނެވެ.
ނަމަވެސް މިފަހަރުގެ ދައުވަތު ގަބޫލުފުޅުކުރައްވައި ނަވާޒް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައެވެ.