Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ފާރިސްގެ ބަންދުގެ މައްސަލަ އިސްތިއުނާފު ކުރަނީ

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް، ފޮޓޯ: ރާއްޖެއެމްވީ

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކޮށްފައި ވަނީ ޖިނާއީ އިޖުރާތުގެ ގާނޫނާއި ހިލާފަށްކަމަށާއި ފާރިސްގެ މައްޗަށް ކުރަނީ އުފައްދާފައިވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް ކަމަށްވުމުން ބަންދުގެ މައްސަލަ އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފާރިސްގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

ފާރިސް މައުމޫންގެ ގާނޫނީ ވަކީލް އަދި އެމަނިކުފާންގެ ބޮޑު ބޭބެ މައުމޫން ހަމީދު ވިދާޅުވީ ފާރިސް މައުމޫންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ އުފައްދާފައި އޮތް މައްސަލައެއް ކަމަށާއި ފުލުހުން ތުހުމަތުކުރާ ރިޝްވަތު ހުށަހަޅަން އުޅުމުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނަ ބަންދުގައި ބަހައްޓަން ނިންމާފައިވަނީވެސް އަދި ފާރިސް ހައްޔަރުކޮށްފައިވަނީވެސް ގާނޫނާ ޚިލާފަށް ކަމަށެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ އިޖުރާތުތަކަކީ ޖިނާއީ އިޖުރާތުގެ ގާނޫނާ ޚިލާފު އިޖުރާތްތަކެއް ކަމަށެވެެ.

އެގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ނޫން ގޮތަކަށްވިޔަސް މީހަކު ހައްޔަރު ކުރުމަށްފަހު އޭނާގެ ހައްޔަރާ މެދު ގޮތެއް ނިންމުމަށް އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ގެންދަންވާނެ ކަމަށް ބަޔާން ކޮށްފައިވީނަމަަވެސް، ފުލުހުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ފާރިސް ބަންދުގައި ބަހައްޓަން ނިންމާފައިވަނީ ހެއްކަށް ނުފޫޒު ފޯރުވާނެތީ ކަމަށް ކޯޓުން ވިދާޅުވި ނަމަވެސް ދައުލަތުން ކޯޓަށް ހުށަހަޅާފައިވަނީ ސިއްރު ހެކި ވެރިއެއްކަމަށާއި އޭނާ އަކީ ކާކުކަން ފާރިސްއަށް އެނގިވަޑައި ނުގަންނަވާއިރު އެފަރާތަކަށް ނުފޫޒު ފޯނުވާނީ ކޮން އުސޫލަކުން ކޮން ގޮތަކަށްތޯ މައުމޫން ހަމީދު ސުވާލު އުފެއްދެވިއެވެ.

މިފަދަ ގިނަ ކަންބޮޑުވުން ހުރުމާއި ގުޅިގެން ފާރިސްގެ ބަންދުގެ މައްސަލަ އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާން ހައްޔަރުކޮށްފައިވަނީ މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާއި ދިމާކޮށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް އެ ހުރިހާ ތުހުމަތުތަކެއް ފާރިސް ވަނީ ދޮގު ކުރައްވާފައެވެ.