ރާއްޖޭގެ އެތައް ހާސް ރައްޔިތަކަށް އެކި ގޮތްގޮތުން ބޭސް ފަރުވާގެ އެހީތެރިކަން ވެދެއްވަމުން އަންނަ ޖުމްހުރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ސްޕްރީމް ކޯޓުގައި އެދިއްޖެއެވެ.
މި ވަގުތު ވެސް އޭޑީކޭގެ އައިސީޔޫގައި އޮންނެވި ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ދިވެހި ސަރުކާރުން ހިފަހައްޓާފައިވާތީ އެމަނިކުފާނަށް ވަނީ ރާއްޖޭން ބޭރަށް ދެވޭ ގޮތް ނުވެފައެވެ.
ޖުމްހުރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ ގާސިމްގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން ނުދާތީ އާއި ރާއްޖޭން ހެދެން ނެތް ޓެސްޓްތަކެއް ހަދަން ޖެހޭކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
އަލީ ސޯލިހް ވިދާޅުވީ ގާސިމް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ ހުއްދައަކަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވެސް ސިޓީއަކުން ހުށަހަޅާފައިވާކަމަށެވެ.
ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އެމަނިކުފާނު އޭޑީކޭގައި އެޑްމިޓް ކުރެވުނީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.
ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު އެމަނިކުފާންގެ މައްޗަށް ތިން ދައުވާއެއް ޕީޖީން ވަނީ އުފުލާފައެވެ.