މިދިޔަ ހުކުރު ދުވަހުގެ މަރަދޫން ހިތަދު އަށް ސައިކަލެއްގައި ދަނިކޮށް ބަހެއްގެ ދަށުގައި ވެ ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެނިކޮށް މަރުވި މުހައްމަދު ޝިފާޒް (ޓޮޕީ) އެކްސިޑެންޓްވީ ފުލުހުންގެ ސަބަބުން ކަމަށް އެމްޑީޕީ އައްޑޫ ދާއިރާ އިން ބުނެފި އެވެ.
އައްޑޫ ދާއިރާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހިތަދޫ ޓޮޕީ އަށް ފުލުހުންގެ ޗެކް ޕޮއިންޓަކުން ކުރިމަތި ކުރުވި ޙާދިސާއެއްގައި އެވަގުތު އެސަރަޙައްދުން ދަތުރު ކުރި ބަހެއްގެ ދަށުގައި ވެ އެކްސިޑެންޓްވެފައިވާތީ ކަންބޮޑުވެ ހިތާމަ ކުރާ ކަމަށެވެ.
"ހިތަދޫގައި ބޭއްވި ޢާންމު ޖަލްސާއަކަށް މީހުން ޙާޒިރުވަމުން ދާތީ އެކަމަށް ގަސްތުގައި ޖެއްސުން ކުރުމުގެ ގޮތުން އެސްއޯ ފުލުހުން ލިންކް ރޯޑުގެ ފަޅުރަށްތަކުގެ ތެރޭ އެންމެ އަނދިރި ސަރަޙައްދުގައި އެކި ގޮތްގޮތަށް ބެރެކޭޑްތައް އަތުރައި، މީހުން އަރުވައިގެން އެމަގުން ދަތުރުކުރަމުން ދިއަ ޕިކަޕްތަކާއި، ކާރާއި އަދި ސައިކަލުތައް ހުއްޓުވައި، އަދި ބައެއް އުޅަނދުން މީހުން ބާލައި އެމީހުން ޖަލްސާއަށް ހިނގާފައި ދިއުމަށް މެދުވެރިކުރުވުމުގެ ޙަރަކާތެއް އެސްއޯ ފުލުހުން ހިންގުމުގެ ތެރޭގައި، މުޙައްމަދު ޝިފާޒު ސައިކަލެއް ދުއްވާފައި ގޮސް ބެރެކޭޑްތައް ކުއްލިއަކަށް ފެނުމާ އެކު ސައިކަލު އަނބުރާލުމަށް ފަހު ދުއްވާ ވަގުތު ފަހަތުން އެސްއޯ ފުލުހުން އޭނާ ކޮށްޕާލުމުން އެވަގުތު އެސަރަޙައްދުން ދުއްވާފައި ދިއަ ބަހެއްގެ ދަށުވީ" ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
"އެސްއޯ ފުލުހުން ބެރިކޭޑްތައް އަތުރާފައިވަނީ މީގެ ކުރިން ބެރެކޭޑް އަތުރާފައި ނުވާ ސަރަޙައްދެއްގައި ކަމާއި އަދި އެފަދަ ވަގުތެއްގައި ނޫން ކަމާއި، އަދި ޓްރެފިކް ބެލެހެއްޓުމުގެ ޙަރަކާތެއް ކަމަށް ބުނާ އިރު އެ ޙަރަކާތް ހިންގާފައި ވަނީ އެސްއޯ ފުލުހުންކަމާއި، 60 ކިލޯ މީޓަރު ބާރު ސްޕީޑެއްގައި ދުއްވުމުގެ ހުއްދަ އޮންނަ ސަރަޙައްދެއްގައި ކަނު އަނދިރީގައި ޓްރެފިކް ބެލެހެއްޓުމުގެ ޙަރަކާތެއްކަމަށް ބުނާ މި ޙަރަކާތުގައި އެސްއޯ ފުލުހުން ތިބީ ޓްރެފިކް ބަލަހައްޓާ އުސޫލުތަކާ ޚިލާފަށް ޓްރެފިކް ކިޓް އަޅައިގެން ނޫންކަން ވެސް ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ. "އެ ރޭގެ ހިތާމަވެރި ޙާދިސާއަކީ އެސްއޯ ފުލުހުން އެމްޑީޕީ ގެ ޖަލްސާއަށް ދިއަ މީހުންނަށް ގަސްތުގައި ޖެއްސުންކުރުމުގެ ގޮތުން، ޓްރެފިކް ބެލެހެއްޓުމުގެ އުސޫލުތަކާ ޚިލާފަށް ހިންގި ޙަރަކާތެއްގެ ސަބަބުން މެދުވެރިވި ޙާދިސާއެއް ކަމުގައި އެމްޑީޕީ އައްޑޫ ސިޓީން ދެކެމެވެ. ޤާނޫން އަސާސީން ފުލުހުންގެ މައްޗަށް ލާޒިމުކޮށްފައިވާ އެންމެ ބޮޑު ވާޖިބަކީ މުޖުތަމަޢުގެ އަމަންއަމާން ކަމާއި ރައްކާތެރިކަން ދެމެހެއްޓުން ކަމުގައިވީ ހިނދު އަދި މިހާރު “އަފިރިންގެ އަމާން އައްޑޫ ސިޓީ” އަށް އައްޑޫ ސިޓީ ހަދަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މިފަދަ ލާއިންސާނީ އަނިޔާތައް ފުލުހުންގެ ފަރާތުން އައްޑޫ ރަޢިޔަތުންނަށް ލިބެމުންދާކަމީ ‘އަފިރިންގެ އަމާން އައްޑޫ ސިޓީ” “އަފިރިންގެ ނާމާން އައްޑޫ ސިޓީ” އަށް ބަދަލުވަމުންދާ ކަމުގެ ދިރިހުރި ނިޝާނެކެވެ."
އެމްޑީޕީން ވަނީ އެ ޙާދިސާ އިންސާފުވެރިކަމާ އެކު ތަހުގީގުކޮށް މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސްކޮމިޝަނަށް ވެސް ގޮވާލާފަ އެވެ.