Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ތާނަޖީ: އަޖޭގެ މުޅިން ތަފާތު ފިލްމަކަށް ވާނެ

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އަޖޭ ދޭވްގަންއަކީ ކޮންމެ ކަހަލަ ރޯލެއް ވެސް ވަރަށް މޮޅަށް ކުޅެލާ އެކްޓަރެކެވެ. މަޖާ އަދި ލޯބީގެ ރޯލްތަކުން ފެށިގެން ސީރިއަސް އެކްޝަން ރޯލްތަކަށް ވެސް އޭނާއަކީ ކުޅަދާނަ އެކްޓަރެކެވެ.

އަޖޭގެ ދެ ފިލްމެއް ވަރަށް އަވަހަށް ރިލީޒް ކުރަން ތާވަލްކޮށްފައި ވަނިކޮށް، އޭނާގެ މުޅިން ތަފާތު އާ ޕްރޮޖެކްޓެއް އިއުލާންކޮށްފި އެވެ.

އެއީ "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ. މި ފިލްމަކީ މަރާތާގެ ފަހުރުވެރި ހަނގުރާމަވެރިއެއްގެ ވާހަކަ ކިޔައިދޭ ހިސްޓޮރިކަލް އެކްޝަން ފިލްމެކެވެ.

އަޖޭ ވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ފޭނުންނާ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ޕޯސްޓަރުގައި ވެސް އޭނާ ފެންނަނީ ވަރަށް ތަފާތުކޮށް، ހަނގުރާމައެއްގެ މަންޒަރެއްގެ ތެރެއިންނެވެ.

"ތާނަޖީ: ދި އަންސަންގް ވޮރިއާ" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާ އިރު މި ފިލްމް ޑައިރެކްޓް ކުރާނީ އޯމް ރައުޓް އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ރިލީޒް ކުރަން ނިންމާފައިވާ މި ފިލްމަކީ އަޖޭގެ ފިލްމް ކުންފުންޏާއި ވަަޔަކޮމް 18 މޯޝަން ޕިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ.

އަޖޭ ދެން އެންމެ އަވަހަށް ފެންނާނީ ސެޕްޓެމްބަރު އެކެއްގައި ރިލީޒް ކުރާ "ބާދްޝާހޯ" އިންނެވެ. އަދި މި އަހަރު "ގޯލްމާލް އެގެއިން" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.