Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އަނިލްގެ އިތުބާރުގެ މައްސަލަ މަޖިލިހަށް ހުށަހަޅައިފި

ކުރީގެ ބަންޑާރަ ނައިބް މުހައްމަދު އަނިލް

ބަންޑާރަ ނައިބު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅައިފިއެވެ.

އިދިކޮޅު 24 މެމްބަރެއްގެ ސޮޔާއެކު މިއަދު ރައްޔިތުންގެ މަޖިލީހަށް އަނިލްގެ މައްސަލަ ވައްދާފައިވަނީ ގާނޫނާއި ޚިލާފަށް އަނިލްގެ އަމަލުތައް ބައްޓަން ވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނެ ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުގެ ބާރު މަޖިލީހަށް ލިބިފައިވެއެވެ. ނަމަވެސް އެ ވަޒީރަކަށް 14 ދުވަސް ކުރިން އެކަން އެންގުމަށް މަޖިލީހުގެ ގަވާއިދުގައި މެމްބަރުންނަށް މަޖުބޫރުކުރެއެވެ. އަދި ވަޒީރަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅުމުން އަނގަ ބަހުން ނުވަތަ ލިޔުމުންވެސް މައްސަލައަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެވޭނެއެވެ.

އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ފާސްވާނީ މަޖިލީހުގެ މެޖޯރިޓީއިން އެވަޒީރަކުގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނުމުންނެވެ. މިހާރުގެ މަޖިލީހުގައި އެއީ މަދުވެގެން 43 ވޯޓެވެ.

އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ވަނީ 45 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފައެވެ. ނަމަވެސް މިއަދު މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

މިވަގުތު އެންމެ ބޮޑަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ބަންޑާރަ ނައިބުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފައްދައި ރާއްޖޭގެ ގާނޫނީ ދާއިރާގައި ފުންނާބު އުސް ބައެއް ވަކީލުން ވަނީ ސުޕްރީމް ކޯޓަށްވެސް މައްސަލަ ހުށައަޅާފައެވެ. ނަމަވެސް އަނިލް މިމައްސަލައާ ގުޅޭގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.