Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

މަސީހުގެ އިތުބާރުގެ ޖަލްސާ ކުރިއަށް ގެންދާނީ އަމީންއާއްމަށް: އިބޫ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ހުރިހާ ކަމެއް ކުރިއަށް ގެންދަން ޖެހޭނީ މަޖްލިސްގެ އަމީން އާއްމު ކަމަށާއި މަޖްލިސްގެ ނައިބް ރައީސަށް ގޮތެއް ނުނިންމެވޭނެކަމަށް ހިންނަވަރު ދާއިރާގެ މަޖްލިސް މެމްބަރ އަދި މަޖްލިސްގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިގޮތަށް ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު މިއަދު މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާޠިލް ކުރިކަން އެންގުމާއި ގުޅިގެންނެވެ.

މަޖްލިސްގެ ނައިބް ރައީސް މޫސާ މަނިކު މެމްބަރުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމައްސަލަ ބާތިލު ކުރީ މައްސަލާގައި ސޮއި ކުރައްވާފައިވާ މެންބަރުންގެ ތެރެއިން އިސްދޫ މެންބަރު އަހުމަދު ރަޝީދު ސޮއި އަނބުރާ ގެންދަވާފައިވާތީއާއި މައްސަލާގައި ސޮއި ކުރެއްވި ހަތަރު މެންބަރެއްގެ ގޮނޑި ގެއްލި މައްސަލާގައި ސޮއި ކުރި މެންބަރުންގެ އަދަދު 42 އަށް ވުރެ މަދު ވެފައިވާތީ ކަމަށެވެ.

މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެމައްސަލަ އެޖެންޑާ ކުރުމާއި ނޯޓިސް ދިނުން މަޖްލިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރައްވާނީ މަޖްލިސްގެ އަމީން އާއްމެވެ. ނަމަވެސް މަސީހުގެ އިތުބާރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ގޮތަށް މަޖްލިސްއިން ބޭރު ކުރީ މަޖްލިސްގެ ނައިބް ރައީސްއެވެ.

މަޖްލިސްގެ ނައިބް ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރ މޫސާ މަނިކު ވަނީ ދާދި ފަހުން ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.