Last Updated: March 29, 17:30
Friday, March 29, 2024
މުނިފޫހިފިލުވުން

"ލިންކިން ޕާކް" ގެ ޗެސްޓާ ބެނިންޓަން މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް "ލިންކިން ޕާކް" ގެ ލީޑް ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންގްޓަން ނިޔާވެއްޖެ ކަމަށް ލޮސް އެންޖެލިސް ކައުންޓީ ކޮރޯނާ އިން ބުނެފި އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ބެނިންގްޓަން މަރުވެފައިވާ އަމިއްލައަށް ދަންޖެހިގެންނެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނިފައި ވަނީ ބުރާސްފަތި ދުވަހު އޭނާގެ ގެއިންނެވެ.

މެއި މަހު އަމިއްލައަށް މަރުވި 'ސައުންޑްގާޑެން'ގެ ވޯކަލިސްޓް ކަމަށްވާ ކްރިސް ކޯނެލް އާއި ބެނިންގްޓަން އަކީ ގާތް ދެ ރަހުމަތްތެރިން ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

1996 ވަނަ އަހަރު އުފެދުނު ބޭންޑެއް ކަމަށްވާ 'ލިންކިން ޕާކް' އިން ވަނީ 70 މިލިއަނަށްވުރެ ގިނަ އަލްބަމް ވިއްކާފައެވެ. އަދި އެ ބޭންޑްގެ ލަވަތަކަށް ވަނީ ދެ ގްރެމީ އެވޯޑް ވެސް ލިބިފައެވެ.

'ލިންކިން ޕާކް' ގެ އެންމެ މަޝްހޫރު ހިޓް ލަވަތަކުގެ ތެރޭގައި 'ފެއިންޓް'، 'އިން ދި އެންޑް' އަދި 'ކްރޯލިންގް' ހިމެނެއެވެ. އެ ބޭންޑް ވަނީ މަޝްހޫރު ރެޕާ ޖޭ-ޒީ އާއިއެކު ވެސް ލަވަ ކިޔާފައެވެ.

'ލިންކިން ޕާކް' ގެ އަލްބަމެއް ކަމަށްވާ "މިޓިއޯރާ" ވަނީ 2003 ވަނަ އަހަރު ބިލްބޯޑް 200 ޗާޓްގެ އެއްވަނަ ހޯދާފައެވެ. އެ އަލްބަމަކީ މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް އިންޑީ ރޮކް ރެކޯޑް ކަމަށް ބުނެވެއެވެ.

ބެނިންގްޓަން މަރުވިއިރު އޭނާގެ މިހާރުގެ އަންހެނުންނާއި ޖުމްލަ ދެ ކައިވެންޏަކުން ލިބިފައިވާ ހަ ކުދިން ދުނިޔޭގައި އެބަތިއްބެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އޭނާ ވަނީ އެތައް އަހަރުތަކެއް ވަންދެން ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކާއި ކުރިމަތިލާފައެވެ. އަދި މީގެ ކުރިން ވެސް އޭނާވަނީ އަމިއްލައަށް މަރުވުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

މަރުވިއިރު އޭނާގެ އުމުރުން 41 އަހަރެވެ. ބެނިންޓަން ވަނީ އޭނާގެ މިއުސިކް ކެރިއަރުގައި ގްރެމީ އެވޯޑާއި އެތައް މިލިއަން ބައެއްގެ ސަޕޯޓާއި ލޯބި ހޯދާފައެވެ.