އަވަށްޓެރި އިންޑިއާގެ އާ ރައީސަކަށް ނޭޝަނަލް ޑިމޮކްރެޓިކް އެލައަންސް (އެންޑީއޭ) ގެ ކެންޑިޑޭޓް ކަމަށްވާ ރާމް ނާތު ގޯވިންދް ހޮވިވަޑައިގެންފި އެވެ.
އެގޮތުން އޭނާ އެ މަޤާމަށް ހޮވިވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުން 65.65% އަޤުލަބިއްޔަތު ހޯއްދަވައިގެންނެވެ.
އިންޑިއާގެ ރިޔާސީ އިންތިޚާބަކީ އާންމު އިންތިޚާބެއް ނޫނެވެ. އެއާއި ޚިލާފަށް އިންޑިއާގެ ރައީސަކު ހޮވުމަށް ވޯޓް ލަނީ އިލެކްޓޯރަލް ކޮލެޖުންނެވެ. އެއީ އިންތިޚާބުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ވަކިވަކި ސްޓޭޓްތަކުގެ ޤާނޫން ހަދާ މަޖިލިސްތަކުގެ މެމްބަރުންނާއި، ޔޫނިއަން ޓެރިޓަރީތަކުގެ އިންތިޚާބުވެފައިވާ މެމްބަރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބައެކެވެ. އެގޮތުން އިލެކްޓޯރަލް ކޮލެޖްގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 4،986 އެވެ.
އޭގެތެރެއިން ރާމް ނާތް ކޯވިންދް ވަނީ ޖުމްލަ 2،930 ވޯޓް ކާމިޔާބު ކުރައްވާފައެވެ. އެއީ 65.65% އަޤުލަބިއްޔަތެވެ. އިދިކޮޅު ކެންޑިޑޭޓް ކަމަށްވާ މީރާ ކުމާރް އަށް ލިބިވަޑައިގަތީ 1،844 ވޯޓާއި އެކު 34.35% އަޤުލަބިއްޔަތެވެ.
އެހެންނަމަވެސް އިންޑިއާގެ އާ ރައީސް އަކީ އެހާ ގިނަ ބަޔަކު ދަންނަ ބޭފުޅެއް ނޫނެވެ. ގިނަ ރައްޔިތުންނަށް އެ ބޭފުޅާ އަކީ ކާކުކަން އެނގެން ފެށީ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާނެކަން އިއުލާން ކުރެއްވި ހިސާބުންނެވެ.
އެގޮތުން އެބޭފުޅާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވިތާ 24 ގަޑިއިރުގެ ތެރޭގައި އެބޭފުޅާގެ ނަން 500،000 އަށްވުރެ ގިނަ ފަހަރު ވަނީ ގޫގުލް ކުރެވިފައެވެ.
އިންޑިއާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ރާމް ނާތް ކޯވިންދް ރައީސްކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ ޖުލައި 25 ވަނަ ދުވަހުއެވެ.