Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އެއިޑްސްގައި މަރުވާ އަދަދު 50 ޕަސަންޓް ދަށްވެއްޖެ

އެއިޑްސްއާ ގުޅިފައިވާ މަރުތައް ވޭތު ވެދިޔަ 10 އަހަރުގެ ތެރޭގައި 50 ޕަސަންޓް މަދުވެއްޖެ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން އެއިޑްސް އަކީ މީގެ ކުރިން ދުނިޔޭގައި މީހުން މަރުވާ މައިގަނޑު 10 ސަބަބުންކުރެ އެއް ސަބަބެވެ.

އެޗްއައިވީ/އެއިޑްސް އާއި ބެހޭގޮތުން ޖޮއިންޓް ޔުނައިޓެޑް ނޭޝަންސް ޕްރޮގްރާމް (ޔޫއެންއެއިޑްސް) އިން އާންމުކުރި ރިޕޯޓްގައި ވާ ގޮތުން 2005 ވަނަ އަހަރު އެއިޑްސްގެ ސަބަބުން މަރުވި މީހުންގެ އަދަދަކީ 1.9 މިލިއަން ކަމަށް ވާއިރު، އެ އަދަދު ވަނީ މިދިޔަ އަހަރު 1 މިލިއަނަށް ތިރިވެފައެވެ.

އޭގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ އެއިޑްސްގެ ބޭސްފަރުވާ އެބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައަށްވުރެ ގިނަ މީހުންނަށް ލިބުމެވެ.

އެޗްއައިވީ އިންފެކްޝަން އަކީ މުޅިން ރަނގަޅު ކުރެވޭ އިންފެކްޝަނެއް ނޫނެވެ. އެހެންނަމަވެސް ޤަވާއިދުން އެންޓިރެޓްރޯވައިރަލް ތެރަޕީ ދީގެން އެ އިންފެކްޝަން އިތުރަށް ފެތުރުމުން ހުއްޓުވިދާނެ އެވެ.

އެޗްއައިވީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް މުޅިން ހަލާކުކޮށްލުމަށްފަހު އެއިޑްސް ބަލި ޖައްސާ ވަރަށް ނުރައްކާތެރި ވައިރަހެކެވެ. އެހީސަބަށް ދިއުމުން ހަށިގަނޑަށް އެކިއެކި އެހެން ބަލިތައް ޖެހެއެވެ. އޭގެ ތެރެއިން އެންމެ އާންމު އެއްބައްޔަކީ ޓިއުބާކިއުލޯސިސް (ޓީބީ) އެވެ.

ދުނިޔޭގައި މިހާރުވެސް އެޗްއައިވީ ޖެހިފައިވާ 36.7 މިލިއަން މީހުން އެބަތިއްބެވެ. އޭގެތެރެއިން 53% މީހުންނަށް ދަނީ އެންޓިރެޓްރޯވައިރަލް ތެރަޕީ ދެމުންނެވެ.

ޔޫއެންއެއިޑްސްގެ ލަނޑުދަނޑި އަކީ 90-90-90 އެވެ. އެ ލަނޑުދަނޑީގެ ދަށުން އެ ޖަމިއްޔާގެ އަޒުމަކީ 2020 ވަނަ އަހަރާއި ހަމައަށް އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން 90% މީހުން ޑައިގްނޯޒްކޮށް، 90% މީހުންނަށް ތެރަޕީ ދީ އަދި 90% މީހުންގެ އިންފެކްޝަން އިތުރަށް ފެތުރުމުން ހުއްޓުވުމެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ އަދަދުތަކަކީ 70%، 77% އަދި 82% އެވެ.