Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ކޯޓްގެ ނިންމުމާ އެއްގޮތަށް މިހިރީ މެމްބަރެއްގެ ގޮތުގައި: އިލްހާމް

ޕީޕީއެމުން ވަކި ކުރުމުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މަޖިލިސް ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނަމަވެސް ސްޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް އަދިވެސް މަޖްލިސް ގޮނޑި ނުގެއްލޭ ކަމަށް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިލްހާމް އާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސިނާންގެ ގޮޑި ގެއްލިފައިވާކަމަށް ރޭ އިލެކްޝަނުން ވަނީ އަންގާފައެވެ.

އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް އަދިވެސް ހުންނެވީ މަޖްލިސް މެމްބަރެއްގެ ގޮތުގައި ކަމަށާއި، ގާނޫނާއި ހިލާފްވާ ފަރާތްތަކާއި ގާނޫނު އަރާ ހަމަކުރާނެކަމަށެވެ.

އިލްހާމް ވިދާޅުވީ އުފާފާގަތިކަން ދާދި އަވަހަށް އަލިވިލިގެންދާނެ ކަމަށާއި މި އަޒުމަށް ބަދަލެއް ނާންނާނެކަމަށެވެ.

އިލްހާމް އާއި ސިނާންގެ ގޮޑި ގެއްލުނުކަމަށް އިލެކްޝަން އިން ނިންމިއިރު އިތުރު 4 މެމްބަރެއްގެ ގޮޑި ގެއްލުނުކަމަށްވެސް އިލެކްޝަނުން ވަނީ މެމްބަރުންނަށް އަންގައި އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން އިއްލާން ކޮށްފައެވެ.