އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުޙަންމަދު ނަޝީދަށް ތާއީދު ހޯދުމަށް ކުރިޔަށް ގެންދިޔަ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް އަތޮޅު ތެރޭގައި ނިންމާލުމަށް ފަހު ޓީމުގެ ބޭފުޅުން މިއަދު މާލެ ދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށި ދަތުރުތަކުގައި އެމްޑީޕީގެ ޓީމްތައް ވަނީ، ރާއްޖޭގެ ހަ ސަރަހައްދެއްގައި އަވަދިނެތި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން އެމްޑީޕީގެ ޓީމުތައް ހަރަކާތްތެރިވެފައި ވަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލަކު، ގދ. ތިނަދޫ، ލ އަތޮޅު ގަން، ފޮނަދޫ، ހިތަދޫ، މާވަށް އަދި އިސްދޫގެ އިތުރުން އައްޑޫ ސިޓީގަ އެވެ. އައްޑޫގައި "ދޭތިން ފަހެތި" ކެމްޕޭން ކުރިއަށް ގެންދިޔައީ ޑރ. މުސްތަފާ ލުތުފީގެ ކޯޑިނޭޓަރު ކަމުގެ ދަށުންނެވެ. އަދި ކެމްޕޭނުގައި ކުރީގެ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންދު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަށްތަކުގެ ތެރެއިން އައްޑޫ ސިޓީ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް ވަނީ “ޑޯޓުޑޯ” ކެމްޕެއިން ކުރިއަށް ގެންގޮސްފަ އެވެ. އަދި މީގެ އިތުރުން ޢާއްމު ޖަލްސާތައް ބާއްވާ، މަސައްކަތު ބައްދަލުވުންތައް ބާއްވާ، ދާއިރާ ރައީސުންނާއި، ދާއިރާގެ ހިންގާ ކޮމެޓީތަކާއި ބައްދަލުކުރުމާއި ޢާންމު ރައްޔިތުންނާއި ވެސް އެމްޑީޕީގެ ޓީމުތައް ވަނީ ބައްދަލު ކުރައްވާފަ އެވެ.
“ދޭތިން ފަހެތި” ކެމްޕެއިންގެ ކޯޑިނޭޓަރުން ވިދާޅުވީ މި ކެމްޕޭން ހަރަކާތްތަކަށް ހުރިހާ ރަށަކުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ޢާއްމު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށެވެ.
ދާއިރާތަކުން މި ކެމްޕެއިން ހަރަކާތްތަކަށް ދިން ތަރްޙިބާ އެއްބާރުލަމަށް ހުރިހާ ފަރާތްތަކަކަށް ކޯޑިނޭޓަރުން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ކެމްޕެއިންގެ ދަތުރުތަކުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުން ވަނީ، ލ އަތޮޅާއި، ހދ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި މި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށް ވެސް އަންހެނުންގެ ރޫޙުން ބުންޏެވެ.