Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޖޭޕީގެ ޓިކެޓްގައި ހޮވުނު މެމްބަރުން ޕާޓީއަށް ރުޖޫއަވާން އަންގައިފި

ޖޭޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ، ޕާޓީ ދޫކުރައްވައި އެހެން ޕާޓީތަކާއި ގުޅިވަޑައިގެންފައިވާ ހުރިހާ މެމްބަރުން އެނބުރި ޕާޓީއަށް ރުޖޫއަވުމަށް އެޕާޓީން އަންގައިފިއެވެ.

ޖުމުހޫރީ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައިވަނީ މެމްބަރުން އަނބުރާ ޕާޓީއަށް ނާންނަނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ރޭގައި އެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެ ޕާޓީ ދޫކުރެއްވި މެމްބަރުން އަނބުރާ ޕާޓީއަށް ރުޖޫއަނުވާނަމަ ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ ލީޑަރަށް ވަނީ ދީފައެވެ.

ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އިންތިޚާބުވި ގޮނޑި ގެއްލޭނެ ކަމަށް ހުކުމްކޮށްފައެވެ.

ޕީޕީއެމްގެ ޓިކެޓުގައި އިންތިޚާބުވި މެމްބަރުންތަކެއް ޕާޓީން ވަކިކޮށް، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަަންސް ކޮމިޝަނުން ވަނީ ކަނޑައަޅައި ބައެއް ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށްވެސް ނިންމަވާފައެވެ.