Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު

ބަލިވާނެތީ "ކުޅުންތެރިން" ބަންދު ވެސް ކުރަނީ: ޔުމްނާ

މިސަރުކާރުގެ ގޭމް ޕްލޭނަކީ މެޗު މެދުތެރެއިން ގަވާއިދު ބަދަލުކޮށް ގޯލު ހުރި ތަނުން ގޯލު ވެސް ނެގުން ކަމަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޓުވީޓާގައި ރައީސް ޔާމީން ދިފާއުކުރައްވައި ކުރި ޓުވީޓަކަށް ރައްދު ދެއްވަމުން ޔުމްނާ ވިދާޅުވެފައިވަނީ އެވަރުންވެސް ބަލިވާނެހެން ހީވާތީ ދެން ޖެހުނީ މެޗު ކުޅުމަށް އަރާ ތިބި ކުޅުންތެރިން ބަންދުކުރަން ކަމަށެވެ.

ޔުމްނާގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވަނީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް 45 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފައިވަނިކޮށް މައްސަލަ ބޭރުކުރުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.

އަދި ޔުމްނާގެ ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށްގެން ޖަލުގައި ބަންދުކުރުމުން އެކަމަށްވެސް ފާޑުވިދާޅުވެފައިވެއެވެ. ފާރިސްގެ ގާނޫނީ ޓީމުން ބުނެފައިވަނީ ފާރިސް ހައްޔަރު ކުރުމަށް އަމުރު ނެރެފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށެވެ.