Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަލީ އާޒިމާއި އަލީ ޒާހިރު ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން މިއަދު އެމްޑީޕީ ހަރުގޭ ސަރަހައްދުގައި ކުރިއަށް ގެންދިޔަ "ހަވީރު ސައިފޮދު" ހަރަކާތުގެ ތެރެއިން ހައްޔަރު ކުރި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

އާޒިމް ފުލުހުން ހައްޔަރު ކުރީ ހަރުގެ ސަރަހައްދަށް އެއްވި މީހުންނާއި މުޙާޠަބު ކުރައްވަމުން ސީދާ މަގުމަތީގެ ސުލްހަވެރި ހިނގާލުމަކަށް ގޮވާލައި ބައިވެރިންނާއި އެކު މަޖީދީމަގުން ކުރިއަށް ދަނިކޮށް ޕެޕަރ ސްޕްރޭ ޖަހައި ބައިވެރިން ދުރުކުރުމަށްފަހު ފުލުހުން ވަދެގަނެގެންނެވެ. އާޒިމް ހައްޔަރުކޮށްގެން ގޮސްފައިވަނީ ގަދަ ކަމުންނެވެ. އޭގެ ފަހުން ފުލުހުންނާއި އާއްމުންނާއި ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުން އުފެދުނު ނަމަވެސް ފުލުހުންވަނީ އާއްމުން އެސަރަހައްދުން ދުރަށް ޖައްސާފައެވެ.

އަލީ ޒާހިރު ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔައީ އެމްޑީޕީ ހަރުގެ ކުރިމަތީގައި ވާހަކަ ދައްކެވުމަށްފަހު އެސަރަހައްދުގައި ހުންނަވަނިކޮށެވެ.

އާޒިމް އާއި އަލީ ޒާހިރުގެ އިތުރުންވެސް ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވެއެވެ. މިއެންމެން ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ.