Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ފޭދޫ މީހަކާ އެކު ތިން މީހެއްގެ މައްސަލަ ޕީޖީ އަށް

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނާ ދިމާއަށް ގައު އުކި ކަމަށް ތުހުމަތު ކުރެވޭ ސ. ފޭދޫ މީހަކާ އެކު އިތުރު ތިން މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.

ފެބްރުއަރީ 16، 2013 ވަނަ ދުވަހު މާލޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ހަތަރު މީހުންނަކީ މާލެ ދަފްތަރު: 7819 ސަމާން ޖަމާލް، 19، އާއި ސ.ފޭދޫ ބުލްބުލްވިލާ، އަނަސް ޝަރީފް، 18، އާއި ށ. މިލަންދޫ ބަށިމާގެ، މުޙައްމަދު ޙަނީފް، 23، ގެ އިތުރުން ޅ. ހިންނަވަރު ބުސްތާނުގެ، އިބްރާޙީމް ޞިފާޙު، 21، ގެ މައްޗަށެވެ.

ސަމާން ޖަމާލްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ފެބްރުއަރީ 16 ވަނަ ދުވަހު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ސަފުތަކުގެ ތެރެއަށް ގައު އުކާފާވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ. އަދި އަނަސް ޝަރީފުގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ފެބްރުއަރީ 16 ވަނަ ދުވަހު ފުލުހުންގެ ސަފުތަކުގެ ތެރެއަށް ގައު އުކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާ ގުޅިގެންނެވެ.

ހަމައެއާ އެކު މުޙައްމަދު ޙަނީފްގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައި ވަނީ ފެބްރުއަރީ 16 ވަނަ ދުވަހު ފުލުހުންގެ ސަފުތަކުގެ ތެރެއަށް ގައު އުކާފައިވާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލަ އާ ގުޅިގެންނެވެ.

މީގެ އިތުރުން އިބްރާހީމް ޞިފާޙުގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައި ވަނީ ފެބްރުއަރީ 16 ވަނަ ދުވަހު ފުލުހުންގެ ވެހިކަލަށް ގައު އުކާފައިވާކަ މަށް ތުހުމަތު ކުރެވޭ މައްސަލަ އާ ގުޅިގެންނެވެ.

މި ހަތަރު މީހުންގެ މައްސަލަ ތަޙުޤީޤު ނިންމާ ޕީޖީ އަށް ފޮނުވާފައި ވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.