ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫން ދޫނިދޫ ޖަލަށް މިއަދު ބަދަލު ކުރެއްވުމަށް ފަހު ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތު އަރުވާފައިނުވާ ކަމަށް ވަކީލުން ބުނެފި އެވެ.
ފުލުހުންގެ ހައްޔަރުގައި ހުންނެވި ފާރިސް ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވަނީ ފުލުހުންގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ވަކީލުން ބުނެފައިވެއެވެ. ނަމަވެސް ވަކީލުން ފާރިސާއި ބައްދަލުކުރުމަށް އެދުމުން މިއަދު ބައްދަލުނުވާނެ ކަމަށް ވަކީލުންނަށް އަންގާފައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ ފާރިސްގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށް ހުކުމްކޮށްފަ އެވެ.
ނަމަވެސް ފާރިސްގެ ވަކީލުންގެ ޓީމުން ވަނީ ފާރިސް ހައްޔަރު ކުރުމަށް އަމުރު ނެރެފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ފާރިސް ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
މިމަހުގެ 18 ވަނަ ދުވަހު ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ފާސްކުރުމަށް ފަހު ފާރިސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ނަމަވެސް ފާރިސް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ. އަދި ރިޝްވަތެއް ނުދޭ ކަމަށާއި ހެއްކެއް ވެސް ނުފެންނާނެ ކަމަށް އޭނާ ވަނީ ކުރިން ވިދާޅުވެފައެވެ.