Last Updated: April 19, 21:23
Friday, April 19, 2024
ރިޕޯޓް

މިހިރީ ހައްތަހާ ވެސް ޗެރީގެ ފައިދާތައް

ޗެރީ އަކީ ވަށްކޮށް އަދި ކުޑަކޮށް ހުންނަ ރަތް ކުލައިގެ މޭވާއެކެވެ. އާންމުކޮށް ދެވައްތަރެއްގެ ޗެރީ ހުރެއެވެ. އެއީ ފޮނި ޗެރީ އާއި ހުތް ޗެރީއެވެ. ފޮނި ޗެރީ އަކީ ގިނައިން ހުހަށް ކައި އުޅޭ އެއްޗެއް ކަމުގައި ވިޔަސް، ހުތް ޗެރީ އަކީ ވަރަށް ގިނައިން ކެއްކުމުގެ ބޭނުންކުރާ އެއްޗެކެވެ. އެހެން ވައްތަރުގެ ޗެރީތަކުގެ ތެރޭގައި ބްލެކް ސްޓޯން ޗެރީ، މޮރެއްލޯ އަދި ސްޕެނިޝް ޗެރީ ހިމެނެއެވެ. ހުރިހާ ޗެރީއެއްގެ މެދުގައި ވެސް އެއް އޮށް އިންނާނެ އެވެ. ކެއުމުގެ ކުރިން އެ އޮށް ނަގާލަން ޖެހޭނެއެވެ.

ޗެރީ އަކީ ބްލަޑް ޕްރެޝަރު ދަށްކޮށްދޭ އެއްޗެއްތަ؟

ބްރިޓިޝް ޖާނަލް އޮފް ނިއުޓްރިޝަން ހެދި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ޗެރީ ޖޫހަކީ އޭގައި ހުންނަ ޕޮލިފޯނޯލް ގެ ސަބަބުން ބްލަޑް ޕްރެޝަރު ދަށްކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

ކަސްރަތު ކުރުމުގެ ސަބަބުން ދިމާވާ ތަދުތަކަށް ޗެރީ އަކީ ފަރުވާއެއްތަ؟

ޖާނަލް އޮފް ދި އިންޓަނޭޝަނަލް ސޮސައިޓީ އޮފް ސްޕޯޓްސް ނިއުޓްރިޝަން އިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ވަރަށް ބުރަ އަދި ވަރުގަދަ ދުވުމުގެ ޙަރަކާތެއް ފެށުމުގެ ހަތް ދުވަސް ކުރިންނާއި އެ ޙަރަކާތުގެ ތެރެއިން ހުތް ޗެރީ ޖޫސް ބުއިމަކީ ކަސްރަތަށްފަހު މަސްތަކަށް ދިމާވާ ތަދުތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ބުރަ ކަސްރަތަކަށްފަހު ހަށިގަނޑު ރަނގަޅުވުމަށާއި މަސްތައް ރަނގަޅަށް މަސައްކަތް ކުރަން ފެށުމުގައި ހުތް ޗެރީ ޖޫސް އެހީވެއެވެ.

ޗެރީ ކެއުމަކީ ނިދުން ރަނގަޅުކޮށްދޭ ކަމެއްތަ؟

ހުތް ޗެރީތަކުގައި ގިނަ އަދަދަކަށް މެލަޓޮނިންފަދަ މައިގަނޑު ފައިޓޯކެމިކަލްތައް އެކުލެވިގެންވެއެވެ. އެގޮތުން މެލަޓޮނިން އަކީ ނިދުމުގެ އާދަތައް ރަނގަޅަށް އިންތިޒާމް ކުރުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ޔޫރޮޕިއަން ޖާނަލް އޮފް ނިއުޓްރިޝަން އަކި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ހުތް ޗެރީ ޖޫސް ބުއިމަކީ ނިދުމުގެ ކޮލިޓީ އާއި ދިގުމިން ރަނގަޅުކޮށްޑެ ކަމެކެވެ. އަދި އެއީ ނިދުމުގައި އުނދަގޫތައް ދިމާވާ މީހުންނަށް އެކަމުގައި ފަސޭހަތަކެއް ގެނެސްދޭ އެއްޗެއް ވެސް މެއެވެ. އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ހުތް ޗެރީ ޖޫހަކީ އިންސޯމްނިއާ ހުންނަ މީހުންނަށް ވެސް ރަނގަޅު އެއްޗެކެވެ.

ގައުޓް ހުންނަ މީހުންނަށް ޗެރީ އަކީ ރަނގަޅު އެއްޗެއްތަ؟

ގައުޓް އަކީ އާތުރައިޓިސްގެ ވައްތަރެކެވެ. ގައުޓް އަކީ ހުޅުހުޅުގައި ރިއްސުމާއިއެކު އެ ހުޅުހުޅުތައް ރަތްވުމެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ޗެރީ އާއި ޗެރީ ޖޫސް ދެ ދުވަހު ޖެހިޖެހިގެން ބުއިމަކީ ގައުޓް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. އަދި އެހެން ދިރާސާއަކުން ދެއްކި ގޮތުގައި ގިނަގިނައިންގެ ގައުޓްގެ މައްސަލަ ޖެހުން ހުއްޓުވުމަށްޓަކައި މަދުވެގެން ހަތަރު މަސް ދުވަސް ވަންދެން ޗެރީ ޖޫސް ބޯން ޖެހެއެވެ. އިތުރު ދިރާސާއަކުން ދެއްކި ގޮތުގައި ޗެރީ ޖޫސް ބުއިމަކީ ޔޫރިކް އެސިޑް ލެވެލްތައް ދަށްކޮށްދޭ އެއްޗެކެވެ. ޔޫރިކް އެސިޑަކީ ގައުޓް އެޓޭކެއް ޖެހުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ޖުމްލަ ގޮތެއްގައި ބުނާނަމަ، ޗެރީ ކެއުމާއި ޗެރީ ޖޫސް ބުއިމަކީ ގައުޓްގެ މައްސަލަ ރަނގަޅުކޮށްދޭ ނުވަތަ ފަސޭހަކޮށްދޭ ކަމެކެވެ.