ޒީޓީވީގެ "ސާރޭގާމާޕާ ގެ 2012 ވަނަ އަހަރުގެ ސީޒަންގެ ކޮންޓެސްޓެންޓެއް ކަމަށްވާ ޕާކިސްތާންގެ ލަވަކިޔުންތެރިޔާ ޒައިން އަލީ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ޒައިން މަރުވެފައިވާ އޮތްވާ ފެނުނީ ލާހޯރްގައި ހުންނަ އޭނާގެ ރައްޓެއްސެއްގެ ގެއިންނެވެ. ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޒައިން އޭނާގެ ބޭބެ ގާތު ބުނެފައި ވަނީ އޭނާ ދަނީ ދުވަސްކޮޅަކަށް ރައްޓެއްސެއްގެ ގެއަށް ކަމަށެވެ.
ޒައިންއަކީ ލާހޯރް އަށް އުފަން މީހެކެވެ. އޭނާ ވަނީ ޖުލައި 20 ވަނަ ދުވަހު ޝޭޚްޕޫރާ ގައި ދިރިއުޅޭ އޭނާގެ ރައްޓެހިންނަށް ޒިޔާރަތް ކޮށްލުމަށް ގޮސްފައެވެ. ޒައިންގެ ބޭބެ ބުނާގޮތުގައި ޒައިން އަކީ އެއްވެއް ހަމަނުޖެހުމެއްގައި ޝާމިލްވެގެން އުޅުނު މީހެއް ނޫން ކަމަށާއި، ކުރިއަށް އޮތް ފިލްމަކަށް އޭނާ ލަވަކިޔަން ތައްޔާރުވަމުން ދިޔަ ކަމަށާއި، އެކަމާއި ގުޅިގެން އޭނާ ހުރީ ވަރަށް އުފާވެފައެވެ.
ޒައިންގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އެ ގޭގެ ފާހާނާ ތެރެއިންނެވެ. ސިއްޙީ ތަހުލީލްތައް އަދިވެސް ކުރިއަށް ގެންދަމުން އެބަދެއެވެ. އަދި މިހާތަނަށް ޒައިންގެ މަރުގެ ސަބަބު އެނގިފައި ނުވެއެވެ.
ޒައިން އިންޑިއާ އާއި ޕާކިސްތާން ގައި މަޝްހޫރުވެފައި ވަނީ ޒީޓީވީ އިން ދައްކާ ރިއަލިޓީ ޝޯ ސާރޭގާމާޕާ ގެ 2012 ވަނަ އަހަރުގެ ސީޒަންގައި ވާދަކުރުމުންނެވެ.