ކަމެއް ގޯސްވެގެން ޝަކުވާކޮށްލާއިރަށް، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެއީ ކައުންސިލްގެ ބާރުގެ ދަށުގައިވާ ކަމެއް ނޫންކަމަށް ބުނެއެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ކައުންސިލުން ޒިންމާއިން ރެކުމަށް ދައްކާ ބަހަނާއެއްގެ ގޮތުގައި ސިފަ ކުރެ އެވެ.
ހަގީގަތަކީ ލާމަރުކަޒީ ގާނޫނު އެކުލަވާލި އިރު ސިޓީ ކައުންސިލްތަކަށް ދީފައިވާ ބާރުތައް ދާދިފަހުން ގެނައި އިސްލާހަކާއި އެކު މައި ސަރުކާރަށް ނަގާފައިވާ ކަމެވެ. އެއާއި އެކު ސިޓީ ކައުންސިލްތަކުގެ މެންޑޭޓުގެ ތެރޭގައި ހިމެނެނީ ވަރަށް މަދު ކަމެކެވެ.
ތިރީގައި ބަޔާންކޮށްފައި މިވަނީ، އައްޑޫ ސިޓީ ކައުންސިލަށް ޤާނޫނީ ގޮތުން ލިބިފައިވާ ބާރުތަކާއި، އަދާކުރަން ޖެހޭ ޒިންމާތަކެވެ.
-
ޤާނޫނުއަސަސީއާއި ޤާނުނާ އެއްގޮތްވާ ގޮތުގެމަތިން ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި، ތަރައްޤީކޮށް، މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
-
ސިޓީގައި ނުވަތަ ސިޓީގައި ހިމެނޭ އަވަށް އަވަށުގެ އަވަށު ބޯޑުން، ރައްޔިތުންގެ ބައިވެރިވުމާއިއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްޤީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލްގެ މަޝްވަރާގެ މަތިން އެކަށައަޅައި މުޅި ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ބަޖެޓު ތައްޔާރުކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުން.
-
ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާއި މަޝްވަރާ ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލްގައި ހިންގާ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި އެހީތެރިވެދީ، އެމިނިސްޓްރީތަކަށް ޖަވާބުދާރީވެ އެ މިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ޖަވާބުދާރިވުން.
-
އަވަށު އޮފީސްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ އޮފީސްތައް ހިނގާނުހިނގާގޮތް ބެލުން.
-
މި ޤާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތު އެކަށައެޅުމާއި ސިޓީ ކައުންސިލްގެ ވާޖިބު އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ހިންގުން.
-
މި ޤާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ސިޓީ ކައުންސިލްގެ ދާއިރާގެ ރަށްވެހިންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
-
އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި، އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި އެހެން ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތަށް ކުއްޔަށް ދޫކުރުމާއި ދިނުން.
-
ތަރައްޤިގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަ ނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
-
ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިތީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.
-
ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
-
ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކާއި އަވަށު އޮފީސްތައް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
-
ކައުންސިލްގެ ބެލުމުގެ ދަސުން ޚިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި މަގުތަކާއި، ޕާކު ފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.
-
(ލާމަރުކަޒީ) ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
-
ކައުންސިލުގެ ނަމުގައި ދަޢުވާކުރުމާއި ދަޢުވާލިބިގަތުން.
-
ސިޓީގައި އަމާން އަދި ޞުލްޙަވެރި ވެށްޓެއް ޤާއިމުކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.
-
ކައުންސިލުގެ އިޙުތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަޙުޤީޤްކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
-
ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީކުރުމަށްފަހު ބޭނުންކުރުން.\
-
ސިޓީ ކައުންސިލުގެ އިދާރާ ހިންގުން.
-
ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.