Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޑެހެއާ ހުންނާނީ ޔުނައިޓެޑްގައި: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑުގެ އެއް ނަމްބަރު ގޯލު ކީޕަރު ޑޭވިޑް ޑެހެއާ މިސީޒަނުގައި އެހެން ޓީމަކާއި ގުޅުމަށް ނޫޅޭ ކަމަށާއި އޭނާ ހުންނާނީ ޔުނައިޓެޑުގައި ކަމަށް ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

މިރޭ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ރެއަލް މެޑްރިޑާއި ދެކޮޅަށް އެމެރިކާގައި ނިކުތުމުގެ ކުރިން މީޑިޔާއާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ ޑެހެއާއޭ ކިޔައިގެން ބަޔަކު ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އޭނާ ހުރީ ކުލަބުގައި އުފަލުން މަޑުކުރުމަށް ކަމަށެވެ.

"އަހަރެން މިދެނީ ގެރެންޓީކަން، ޑެހެއާ މިސީޒަނުގައި ދާކަށް ނޫޅޭ. ކުޅުންތެރިޔަކު ދާން ބޭނުންވެއްޖެނަމަ އެކަމަށް ހުރަސްއަޅާނެ ކޯޗެއް ނޫން މިއީ. އެއީ ކުޅުންތެރިޔަކު ދާން ބޭނުންވެފައި ހުއްޓާ އެކަމަށް ހުރަސް އަޅައިފިނަމަ އޭނާގެ ފުރިހަމަ ކުޅުމެއް ނުދައްކާނެ. އެހެންކަމުން ޑެހެއާ ދިއުމަށް ފުރުސަތު ދެވުނު. އެކަމަކު އޭނާ މިހުރީ މިތާ. އޭނާ ހުރީ ކުލަބުގައި ސާބިތުކަމާއެކު." މޮރީނިއޯ ބުނެފައިވެއެވެ.

އިތުރަށް ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ ޓީމުގެ ދެވަނަ ކީޕަރު ސާޖިއޯ ރޮމެރޯ މިދިޔަ ސީޒަނުގައި ދެއްކި ކުޅުމުގެ ސަބަބުން ޑެހެއާ އިތުރަށް ރަނގަޅު ވަމުން އަންނަ ކަމަށެވެ. އެއީ ރޮމެރޯ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޑެހެއާއަށް އޭނާގެ މަގާމު ހޯދުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.