Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހިތަދޫން ކަރަންޓް ބިލް ދައްކާނީ ފެނަކަ ސޭލްސް ސެންޓަރަށް

ހިތަދޫގައި ކަރަންޓް ބިލްތަކަށް ފައިސާ ބަލައި ގަތުމުގެ ޚިދުމަތް، ލިންކް ރޯޑްގައި ހުންނަ ފެނަކަ ސޭލްސް ސެންޓަރަށް ބަދަލުކޮށްފި އެވެ.

ފެނަކަ އިން މައުލޫމާތު ދެއްވާ ގޮތުގައި، ބިލުތަކަށް ފައިސާ ބަލައިގަތުން ފެނަކަ ސޭލްސް ސެންޓަރަށް ބަދަލު ކުރީ، ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.

"ކުރީގައި ފައިސާ ބަލައިގަންނަމުން ދިޔަ ކަސްޓަމަރ ސާވިސް ސެންޓަރުގެ ޖާގަ ކުޑަ ވުމާއި، ވިއްސާރަ ދުވަސްތަކުގައި އެ މަގުގައި ފެންބޮޑުވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދަތިތަކާއި ކުރިމަތިލާންޖެހޭ. އެކަމަށް ހައްލު ގެނެސްދިނުމުގެ ގޮތުން ގެނައި ބަދަލެއް މިއީ." ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އަމާޒަކީ، ބިލް ދައްކަން ގޮސް ގިނައިރު ކިއުގައި މަޑުކުރަން ޖެހުން ނިމުމަކަށް ގެނައުން ކަމަށާއި އެކަމަށް ޓަކައި އަދިވެސް އިތުރު ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.