ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ޤާނޫނާއި ހިލާފަށް ބާއްވާ މުޒާހަރާތައް ލައިވް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ބްރޯޑްކާސްޓިން ކަމިޝަނުން ނިންމައިފި އެވެ.
ބްރޯޑްކާސްޓިން ކަމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގައުމަށް މިއަދު ދިމާވެފައިވާ ސިޔާސީ ހަލަބޮލި ކަމުގެތެެރެއިން ގައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށް އެއްވެސް މީޑިއާއަކުން މައުލޫމާތު ފަތުރައިގެން ނުވާނެކަމަށެވެ.
މީގެ އިތުރުން ހަގީގަތް އޮޅޭ ގޮތަށް ހަބަރު ފަތުރައި ސަރުކާރުގެ އަގުވެއްޓޭ ގޮތަށް މައުލޫމާތު ފަތުރަމުންދާކަމުގެ ޝަކުވާ ކަމިޝަނަށް ލިބެމުން އަންނަކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ ހުއްދަނެތި ބާއްވާ މުޒާހަރާއެއް ޕްރޮމޯޓް ކުރުމަށް މަަސައްކަތް ނުކުރުމަށްވެސް ކަމިޝަނުން ވަނީ އަންގާފައެވެ.
ބްރޯޑްކާސްޓިން ކަމިޝަނުން މިފަދަ ބަޔާނެއް ނެރެފައިވާ އިރު މާދަމާ މާލޭގައި ސުލްހަވެރި މުޒާހަރާއެއް ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފައެވެ. މުޒާހަރާއަށް މީހުން މާލެ އައުމަށް ގޮވާލާފައިވާ އިރު މުޒާހަރާ ޕްރޮމޯޓް ކުރުން ސޯޝަލް މީޑިއާގައި ބާރަށް ދަނީ ކުރިއަށް ގެންދަމުންނެވެ.
މީގެ ކުރިންވެސް ބްރޯޑްކާސްޓިން ކަމިޝަނުން މިފަދަ ބަަޔާން ނެރެ މީޑިއާތަކަށް ފިޔަވަޅު އަޅާފައިވެއެވެ.