Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

މައުމޫނަށް ނަޝީދު މަރުހަބާ ދަންނަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ސީދާ ހަރަކާތަށް ނިކުމެވަޑައިގަތުމުން ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް މަރުހަބާގެ ބަސްފުޅެއް ރައްދުކޮށްފި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން ސީދާ ހަރަކާތަށް ނިކުމެވަޑައިގަތުމުން މަރުހަބާ ކިޔާ ކަމަށެވެ. އަދި އިރާދަފުޅުން ރައީސް މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫން ނުހިފެހެއްޓޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ރިޝްވަތުގެ ތުހުމަތުގައި މިމަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ ފާރިސްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުންނާއި ފާރިސްގެ ގާނޫނީ ވަކީލުންގެ ޓީމުން އޭނާ ހައްޔަރުކުރުމަށް ޕީޖީ އަމުރު ނެރެފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށްބުނެ ފާރިސް ވަގުތުން މިނިވަން ކުރުމަށް އަންނަނީ ގޮވާލަމުންނެވެ.