އައްޑޫގައި މިހާރު "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި މަސައްކަތް ކުރާ ބައެއް އެސްއޯ ފުލުހުން ރައްޔިތުންނަށް އަނިޔާ ކުރާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
ސޯބެގެ އެފްބީ ޕޭޖްގައި މިއަދު ލިޔުއްވާފައިވާ ސްޓޭޓަސްގައި ބުނެފައި ވަނީ ބައެއް އެސްއޯ ފުލުހުން ރައްޔިތުންނަށް އަނިޔާ ކުރާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ބަލައި ދިނުމަށް ޕޮލިސް އިންޓަގްރެޓީ ކޮމިޝަން (ޕީއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ގޮވާލާ ކަމަށެވެ.
"އައްޑޫ ސިޓީގައި ފުލުހުން ހިންގަމުންދާ އަފިރިންގެ އަމާން އައްޑޫ ސިޓީ އޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްގެ އެއްބާރުލުމާ އެކު. އެހެން ނަމަވެސް އެއްވެސް ރައްޔިތަަކަށް ނުހައްގުން އެއްވެސް އަދަބެއް ދޭކަށް ކައުންސިލުުން އެދިފައި ނުވާނެ. އެފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާ ނަމަ ކައުންސިލުން އެކަން ބަލާކަށް މަޑަކުން ނޯންނާނެ،" ސޯބެގެ ސްޓޭޓަސްގައިވެ އެވެ. "ރައްޔިތުނަށް ބައެއް އެސްއޯ ފުލުހުން އަނިޔާ ކުރާ ކަމުގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާތީ މިކަން ބަލައި ދިނުމަށް ޕީއައިސީއަށާއި އެޗްއާރްސީއެމް އަށް ގޮވާލަން."
ސޯބެ އަދި ވިދާޅުވީ މިދޔަ ހުކުރު ދުވަހުގެ ރޭ ސައިކަލެއް ބަހެެއްގެ ދަށުގައި ވެ ޒުވާނަކު މަރުވި ހާދިސާ އާ ގުޅިގެން ވެސް ކައުންސިލަށް ލިބިފައިވުމާއި އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާ އެކު އެކަން ޕީއައިސީން ބަލައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އައްޑޫ އަމާން ސިޓީއަކަށް ހެދުމަށް ފުލުހުން މި ކުރާ މަަސަައްކަތުގައި ބައެއް ފުލުހުން އަމަލުތައް ބަހައްޓާ ގޮތުން މުޅި ފުލުހުންގެ އަގު ވެއްޓި، މި އޮޕަރޭޝަނަށް ބައެއް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އަންނަ ހިސާބަށް ގޮސްފައިވާތީ އަޅުގަނޑު ނުހަނު ހިތާމަ ކުރަން." ސޯބެ ވިދާޅުވެފައިވެ އެވެ.