ރެއަލް މެޑްރިޑްގެ ޒުވާން ޑިފެންޑަރު ޑެނީލޯ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފި އެވެ.
ސިޓީގެ ސީޒަނުގެ ފަސްވަނަ ކުޅުންތެރިޔާ އެޓީމަށް މިއަދު ގެނެސްފައިވާކަން ކަށަވަރުކޮށްދީފައިވާއިރު ޑެނީލޯ ހޯދުމަށް ސިޓީއިން ވަނީ 26.5 މިލިއަން ޕައުންޑު މެޑްރިޑަށް ހުށައަޅާފައެވެ.
އުމުރުން 26 އަހަރުގެ ޑެނީލޯ ސިޓީއާއި ގުޅިފައިވަނީ 5 އަހަރުގެ މުއްދަތަކަށެވެ. އަދި އޭނާ ވަނީ މިހާރު އެމެރިކާގައި އޮތް ސިޓީ ޓީމާއި ބައިވެރިވެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސިޓީއިން ޑެނީލޯގެ ސޮއި ހޯދާފައިވަނީ ޗެލްސީވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ސިޓީއިން އަނެއްކާވެސް އާސީޒަނަށް ޑިފެންޑަރަކު ގެނެސްފައިވަނީ 45 މިލިއަން ޕައުންޑަށް ޓޮޓެންހަމްގެ ޑިފެންޑަރު ކައިލް ވޯކާ ގެނެސްފައިވަނިކޮށެވެ.
ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ޓީމުގައި ތިބި ބައެއް ޑިފެންޑަރުން ވަނީ މިދިޔަ ސީޒަނުން ފެށިގެން ކުލަބާއި ވަކިވެފައެވެ. އޭގެ ތެރޭގައި ކޮލަރޮވް، ޒަބަލެޓާ، ކްލީޗީ އަދި ސަގްނާ ހިމެނެއެވެ.