Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

އެއްވެ އުޅުމަކީ އަސާސީ ހައްގެއް، ނިކުންނަވާ: ރައީސް ނަޝީދު

އެއްވެ އުޅުމާއި ސުލްހަވެރި ގޮތުގައި މުޒާހަރާ ކުރުމަކީ ކޮންމެ ރައްޔިތަކަށްވެ ސް ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށާއި އެއީ ވަކި ވުޒާރާއެއްގެ ހުއްދައެއް ބޭނުންވާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާދަމާ އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ރާވަމުންދާ މުޒާހަރާއަށް ނިކުތުމަށް ހުއްދަ ނުދޭ ކަމަށް ފުލުހުން ބުނުމާއި ގުޅިގެން ނަޝީދު ވަނީ ހުރިހާ ރައްޔިތުންވެސް ނިކުމެ މުޒާހަރާ ކުރުމަށް ގޮވާލައިފަ އެވެ.

މިއަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެ އުޅުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އެންމެ އަސާސީ އެއް ހައްގު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު މާދަމާއަށް ތާވަލުކުރުމަށްފަހު އެވޯޓު ނުނެގުމަށް މަޖިލީހުން ނިންމާފައިވާތީ އިދިކޮޅު ފަރާތްތަކުން ވަނީ މަގުތަކަށް އެއްވެ މުޒާހަރާ ކުރުމަށް ނިންމާފައެވެ. ނަމަވެސް ފުލުހުން ވަނީ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ގާނޫނާއި ޚިލާފު އެއްވުން ވަގުތުން ދުރަށް ދައްކާ ޓީވީ ޗެނެލްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައެވެ.