ރައީސް އަބްދުﷲ ޔާމީން ސިފައިން ބޭނުންކުރައްވާފައި އުކާލައްވާނީ ގޮނޑަށް ކަމަށް ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ތަމަޅަ ޓައިގަރުންގެ އަތުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށް މުހިއްމު ދައުރެއް އަދާކުރެއްވި، ޤައުމީ ބަޠަލް ރިޓަޔަރޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމްދީދީ މިހެން ވިދާޅުވީ، މިއަދު ކްރިމިނަލް ކޯޓު ބޭރުގައި އޮތް އެއްވުމުގައި މީޑިޔާ ތަކާއި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން "ސިފައިން ބޭނުންކޮށްފައި ގޮނޑަށް އަޅާލާނެ" ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އިބްރާހިމްދީދީ ވިދާޅުވީ، ފާއިތުވި 3 އަހަރުގެ ތެރޭގައި އެކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
"ރައީސް ޔާމީން ސިފައިން ބޭނުންކޮށްފައި ގޮނޑަށް އަޅާލާނީ. ވޭތުވެދިޔަ ތިން އަހަރު ފެނިގެން ހިނގައްޖެ، ކިތައް ސިފައިންގެ އިސް އޮފިސަރުންތޯ ޖަލުގައި ތިބީ؟"
އިބްރާހިމްދީދީ ވިދާޅުވި ގޮތުގައި އިސްލާމްދީން ހިމާޔަތް ކުރުމަށް ފަހު ސިފައިންނާއި ފުލުހުން ކުރަންޖެހޭ ކަމަކީ، ގާނޫނުއަސާސީ އާއި ގާނޫނުތައް ހިމާޔަތްކުރުން ކަމަށެވެ. އަދި އެކަން ކުރެއްވުމުގައި ސިފައިން ދެމި ތިބޭނެމަ އެއްވެސް ބިރަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.
އިބްރާހިމް ދީދީގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އެ ދައުވާ އުފުލުމާއި ގުޅިގެން އިބްރާހިމްދީދީ ވިދާޅުވީ، "ދަން ޖެއްސިޔަސް ރައްޔިތުންގެ މަޖިލީހަށް ހޮވައިދިން ރައްޔިތުންނަށް ހަރާންކޯރު ނުވާނެ" ކަމަށެވެ.