Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ޔާމީން ވެރިކަމަށް ގެންނަން އުޅެވުނީތީ މާފަށް އެދެން: މައުމޫން

ރާއްޖޭގެ ވެރިކަމުގައި ރައީސް ޔާމީން ހުންނަވައިގެން މިހާރު ހިންގަމުންދާ ކަންކަމަކީ ގަބޫލް ކުރެވޭނެ ކަންކަން ނޫންކަމަށާއި އެމަނިކުފާން ރާއްޖޭގެ ރައީސްކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ މަޢާފަށް އެދިވަޑައިގެންފައެވެ.

މައުމޫން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ބައްދަލުކުރައްވައި އެމަނިކުފާންގެ ތާއިދު ހޯއްދެވީވެސް ސީދާ އެމަނިކުފާން ކަމަށާއި، ނަމަވެސް ގާސިމްއަށް މިއަދު ބޭސްފަރުވާ ނުލިބި އޮތުމަކީ އެމަނިކުފާނަށް ހައްގު މިންވަރު ނޫންކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި މައުމޫން ވަނީ ރައީސް ޔާމީނާއި އެމަނިކުފާން މީގެ ކުރިން އުފެއްދެވި "ޕީޕަލްސް އެލައެންސް" (ޕީއޭ)ގެ ވެރިންނަށް ފާޑު ވިދާޅުވެފައެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ "ޝަހުސު އޮޅުވާލުމުގެ" ދައުވާއަށް އަލިއަޅުއްވައި މައުމޫން ވިދާޅުވީ ޝަހުސު އޮޅުވާލީ ފާރިސް ނޫން ކަމަށާއި ޝަހުސު އޮޅުވާލާފައިވަނީ ޔާމީން އާއި ޕީއޭގެ މެމްބަރުން ކަމަށެވެ.