Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

މުޒާހަރާ ލައިވް ކުރަން ސަންގާއި ރާއްޖެ ޓީވީން ނިންމައިފި

މޭއިޑޭ 2015 ގައި މާލޭގައި ކުރިއަށްދިޔަ ބިޔަ މުޒާހަރާ، މި މުޒާހަރާވެސް ޓީވީތަކުން ފުލް ކަވަރޭޖް ދިން. ފޮޓޯ: މިނިވަން

ފުލުހުންގެ ހުއްދަނެތި މާލޭގައި ބާއްވާ މުޒާހަރާ ލައިވްކޮށްފި ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީޑިއާތަކަށް ބްރޯޑްކާސްޓިން ކަމިޝަނުން ދެއްވި ނަމަވެސް އެއީ އައިރު ގާނޫނީ އެންގެމެއްކަމަށް ނިންމައި މިއަދު އިދކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ މުޒާހަރާ ލައިވް ކުރަން ސަންގު ޓީވީ އާއި ރާއްޖެ ޓީވީން ނިންމައިފިއެވެ.

ސަންގު ޓީވީގެ އިސްބޭފުޅެއްކަމަށްވާ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ ގުޅިފައިވާ އިއްތިހާދުން މާދަމާ ކުރިއަށްގެންދާ ސިޔާސީ ހަރަކާތް އެއީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ބްރޮޑްކާސްޓިން ކޮމިޝަނަށް ނިންމިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ މުޒާހަރާގެ ޓީވީ ކަވަރޭޖް މެދުކެނޑުމެއްނެތި ސަންގު ޓީވީ އިން ކުރިއަށް ގެންދިއުމަށް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

މުޒާހަރާ ލައިވް ކުރުމާއި ގުޅޭ ގޮތުން ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްރޮޑްކޮމް އިން ނެރުނު ސަރކިއުލާގެ ސަބަބުން، ގާނޫނުގެ 2 ވަނަ މާއްދާގައި ބުނާ ހަގީގީ މައުލޫމާތު ލިބި ދެނިވި ޕްރޮގްރާމްތައް ފޮނުވުމަށް ބްރޯޑްކާސްޓަރުންގެ މައްޗަށް ލާޒިމްކޮށްފައި އޮންނަ އޮތުމަށް ހުރަސް އެޅޭ ކަމެކެވެ.

މީގެ އިތުރުން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ޚަބަރާއި ކަރަންޓް އެފެއަރޒް ޕްރޮގްރާމްތައް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާއެކު ގެނެސްދިނުމާއި ތެދު މައުލޫމާތު ފެތުރުމަށް ބްރޯޑްކާސްޓަރުންގެ މައްޗަށް ލާޒިމް ކުރާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ހަބަރާއި މަޢުލޫމާތު ފެތުރުމުގައި ތަފާތު ބާވަތުގެ ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށް، ފުރުސަތު ލިބޭނެގޮތް އޮންނަންވާނެ ކަމަށް ބްރޯޑްކާސްޓިންގ ގާނޫނުގައި ބުނެފައިވުމާއެކު ކޮމިޝަންގެ އެންގުމުގެ ސަބަބުން މިކަންކަން ކަމަށް ހުރަސް އެޅޭ ކަަމަށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަން އަންގާފައިވާ އެންގުމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ، މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ހައްގައް ސީދާ ގޮތެއްގައި އަރައިގަނެ، އެ ހައްގު ރައްޔިތުންގެ ކިބައިން ނިގުޅައިގަނެ، ބްރޯޑްކާސްޓަރުން ބިރު ދެއްކުމަށް އެންގި އެންގުމެއް ކަމަށް ރާއްޖޭޓީވީން ވަނީ ސިފަކޮށްފަ އެވެ.

ރާއްޖެ ޓީވީ އާއި ސަންގު ޓީވީން މިފަދައިން ބުނެފައިވާ އިރު މިއަދު މުޒާހަރާ ކުރިއަށް ދާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ގަޑީގައި ރާއްޖެ ޓީވީ އަދި ވީޓީވީ ހިމެނޭ ސަރަހައްދުން ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ވަނީ އަންގާފައެވެ.

ކަރަންޓް ކެނޑިދާނެތީ ބެކަޕް ޖަނަރޭޓަރު ހޯދާފައިވާކަމަށް ސަންގު ޓީވީގެ އޮފިޝަލަކު ރޭ ވަނީ ވިދާޅުވެފައެވެ.