މިއަދު ރައްޔިތުންގެ މަޖްލިސް މެމްބަރުން މަޖްލިސް ކުރާ ގެއަށް ވަޑައިގަތުމަށް ނިންމަވާފައިވާ އިރު އެކަމަށް ދައުލަތުގެ ދިފާއީ ބާރުން އެއްވެސް ގޮތަކަށް ހުރަސް ނޭޅުއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް އެދިވަޑައިގެންފިއެވެ.
ރޭ އިދިކޮޅު ފަރާތްތަކުން ޖުމްހުރީ ޕާޓީގެ މައި މަރުކަޒު "ކުނޫޒު"ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ މެމްބަރުން މަޖްލިސްއަށް ވަނުމަށް ހުރަސް އަޅާނަމަ އެކަން އެކުރެވެނީ ގާނޫނީ އިމުން ބޭރުން ކަމަށެވެ.
މަހްލޫފް ވިދާޅުވީ މެމްބަރުން މަޖިލީހަށް ވަޑައިގަންނަވާއިރު، ސަލާމަތީ ބާރުތަކުން އެ ބޭފުޅުންނަށް ހުރަސް އެޅުއްވުމަކީ، ފަނޑިޔާރުން ކޯޓަށް ވަޑައިގަތުމަށް ހުރަސް އެޅުއްވުން ފަދަ ކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހަށް ވަޑައިގަތުމަށް ހުރަސް އެޅުންފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި މެމްބަރުންގެ ގޮޑި ގެއްލޭނެ ގޮތް ވަރަށް ސާފު ބަހުން ލިޔެފައިވާ އިރު މެމްބަރުންގެ ގޮޑި ގެއްލުނުކަން އިލެކްޝަން ކޮމިޝަންގެ ރައީސް ސުލެއިމާނަކަށް ނޭންގޭނެކަމަށާއި، އެބާރެއް އިލެކްޝަން ކަމިޝަނަށް ލިބިފައި ނުވާކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަޖްލިސްގެ ބައެއް މެމްބަރުންގެ ގޮޑި ގެއްލުނުކަމަށް އިލެކްޝަން ކަމިޝަނުން މެމްބަރުންނަށާއި ރައްޔިތުންގެ މަޖްލިސްއަށް އެންގެވުމަށްފަހު ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ބައި އިލެކްޝަނަށް ތައްޔާރު ވުމުގެ ގޮތުން ގޮޑި ހުސްވެފައިވާކަމަށް ނިންމި ދާއިރާތަކަށް ވަޑައިގެންފައެވެ.
މަހްލޫފް ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދަވައި ދެވެން އޮތީ ސްޕްރީމް ކޯޓަށް ކަމަށާއި، ކޯޓުން އެކަން ކުރައްވާނެކަމަށް ގަބޫލް ކުރައްވާކަމަށެވެ.