Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޝަޚްސު އޮޅުވާލީ ޕީއޭ އިން އައި ބަޔަކު: މައުމޫން

ދެފެކްޝަނަކަށް ބައިވެފައިވާ ޕީޕީއެމްގެ އެތެރޭ ކޯޅުންތައް ބޮޑުވެ ޕާޓީ އިން ވަކިކުރި ނަމަވެސް އަދިވެސް އެމަނިކުފާނަކީ، ޕީޕީއެމްގެ އާއްމު މެންބަރުން އެޕާޓީގެ ކޮންގެރެސް އިން ހޮވާފައިވާ ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ، ޝަޚްސު އޮޅުވާލާފައި ވަނީ ޕީއޭ އިން އައިސް ޕީޕީއެމްގެ ތެރޭގައި އުޅޭ މީހުން ކަމަށެވެ.

"ޝަޚްސު އޮޅުވާލީ އެހެންބައެއް. އެއީ ޕީއޭއިން އައިސް ޕީޕީއެމްގެ ތެރޭގައި އުޅޭ މީހުން."، ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތް ކުރައްވައި މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ ދަރިކަލުން ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާ އަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ، އެމަނިކުފާނަކީ ޕާޓީގެ ރައީސް ކަމަށް ބުނެފި ނަމަ އެއީ ޝަޚްސު އޮޅުވާލީ ކަމަށް ވެސް ވެދާނެ ކަމަށެވެ.

" އަޅުގަނޑަކީ ޕީޕީއެމްގެ މެންބަރުން އެޕާޓީގެ ކޮންގްރެސް އިން އެޕާޓީގެ ރައީސް ކަމަށް ހޮވި މީހާ. އެކަމަކު އަޅުގަނޑާ ދިމާލަށް އެހެން ބުނީމާ އެވެދާނެ ޝަޚްސް އޮޅުވާލީ ކަމަށް . ފާރިސް އަށް ވީ އެހެން."

މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމް އުފެއްދުމަށް ބޭނުންވާ ސޮއި ތަކާއި އެކު އިލެކްޝަންސް އަށް ދިޔައީ ފާރިސް ކަމަށާއި ޝަޚްސު އޮޅުވާލާފައި ވަނީ އެހެން ބައެއް ކަމަށެވެ.