Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ފުލުހުން ވަނީ ގޮނޑި ގެއްލިފައިވާ މެމްބަރުން ނެރުމަށް

މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭތެރެއަށް ފުލުހުންގެ އޮފިސަރުން ވަދެފައިވަނީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ މެމްބަރުން މަޖިލިސް ތެރެއަށް ވަނުމުން އެކަން ހުއްޓުވުމުގައި ސިފައިންނަށް އެހީތެރިވެދޭން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޓުވިޓާ އެކައުންޓުން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފުލުހުން ރައްޔިތުންގެ މަޖިލިސް ތެރެއަށް ވަދެފައިވަނީ މަޖިލިސް މެމްބަރުން ނޫން ގޮތުގައި މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުން މަޖިލީހަށް ވަދެފައިވާތީ އެމެމްބަރުން ސިފައިން ފުލުހުންގެ އެހީތެރިކަމަށް އެދުމުން ކަމަށެވެ.

އޭގެ ތެރެއިން ބައެއް މެމްބަރުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ވަނީ މިހާރު ފުލުހުންގެ މައި އިދާރާއަށް ހާޒިރުކޮށްފައެވެ.

މިއަދު ފުލުހުން މަޖިލިސް ތެރެއަށް މެމްބަރުން ވަނުމަށް ހުރަސްއަޅާފައިވަނިކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، މަޖިލީހުގެ ތެރެއަށް ވަތް މެމްބަރުން ވަނީ ގަދަބާރުން މަޖިލީހުން ބޭރުކޮށްފައެވެ.

މެމްބަރުން ވަނީ ތަކުރާރުކޮށް ގާނޫނާއި ޚިލާފު އަމުރަކަށް ތަބައަ ނުވުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ފުލުހުން ވަނުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށާއި އެބޭފުޅުން ކުރައްވަމުން ގެންދަވަނީ ޣައިރު ގާނޫނީ ކަމެއް ކަމަށް ތަފާތު އެކި މެމްބަރުން ވަނީ އެކިފަހަރު މަތިން ފުލުހުން ކައިރީ ދަންނަވާފައެވެ.