މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފުލުހުންގެ ވަޒީފާ އަށް 150 މީހުން ރެކްރޫޓް ކުރަން ހަމަޖެހިފައިވާތީ މޯލްޑިވްސް ޕޮލިސް ސަވިސްގެ ހިއުމަން ރިސޯސް ޑިޕާރޓްމަންޓުން އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހިއުމަން ރިސޯސް ޑިޕާރޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް (އެސްޕީ) އިސްމާޢިލް ނަވީން ވިދާޅުވީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ފަންނީ އެކިއެކި ދާއިރާތަކުން ޑިގްރީ އިން ފެށިގެން މަތީ ފެންވަރަށް ތަޢުލީމު ހާޞިލު ކުރައްވައިގެން ތިއްބެވި ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.
އެގޮތުން ފޮރެންސިކްސްގެ ދާއިރާއާއި ބައޯ ސައިންސް އާއި ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި ޝަރުޢީ ދާއިރާ ފަދަ ފުލުހުންގެ ތެރެއަށް ބޭނުންތެރި ފަންނީ އެކިއެކި ދާއިރާތަކުން ފުލުހުންގެ ތެރޭގައި ފުރުޞަތު ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެސްޕީ ނަވީން ވިދާޅުވީ ޑިގްރީ އިން ފެށިގެން މަތީ ފެންވަރަށް ތަޢުލީމު ހާޞިލު ކުރައްވައިގެން ވަޒީފާ އަށް ކުރިމަތިލައްވާ ފަރާތްތަކަށް ފުރަތަމަ ވަޒީފާ ދެވޭނީ ވެސް ހަމަ ޖެހިފައިވާ އުޞޫލުގެ މަތިން ތަޢުލީމާއިި އެއްވަރުގެ ރޭންކަކާ އެކު ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ފުލުހުންގެ ދާއިރާ އިން ކުރިއަށް ދިއުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ވެސް ގިނަ ފުރުޞަތުތަކެއް ހުޅުވިގެން ދާނެ ކަމަށް ނަވީން ވިދާޅުވި އެވެ.
ނަވީން އިތުރަށް ވިދާޅުވީ ފުލުހުންގެ ތެރެއަށް އަލަށް ރެކްރޫޓްވާ މުވައްޒަފުންގެ ސަބަބުން ކުރިއަށް ވުރެ ފުޅާ ދާއިރާއެއްގައި މާލެ އާއި އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށާއި ބޭނުން ވަނީ މިހާރަށް ވުރެ ބޮޑަށް ފުލުހުންގެ ޚިދުމަތް ފުޅާވެ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފުލުހުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި ދެމި ތިބެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން ކަމަށެވެ.
ފުލުހުންގެ ވަޒީފާ އަށް މީހުން ހޯދަން ފަށާފައިވާ އިރު މި ފަހަރު ފުލުހުންގެ ވަޒީފާ އަށް ރެކްރޫޓްކުރާ އެންމެ ދަށް މިންގަނޑަކީ ދިވެހި އިސްލާމްގެ އިތުރުން ޖީސީއީ، އައިޖީސީއެސްއީ ގެ ހަތަރު މާއްދާ އިން ދަށްވެގެން ސީ ފާސް ލިބިފައިވުމެވެ.
ފުލުހުންގެ ވަޒީފާއަށް ހޮވޭ ފަރާތްތަކުން ކޮލިފައިޑް ޕޮލިސް އޮފިސަރަކަށްވުމަށްޓަކައި ފުލުހުންގެ އޮރިއެންޓޭޝަން ޕްރޮގްރާމާއި، ފުލުހުންގެ ބޭސިކް ތަމްރީނު ކޯސް ފުރިހަމަ ކުރަންޖެހެ އެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ މަތިން ކަނޑައެޅޭ މުއްދަތަކަށް ޕްރޮބޭޝަނަރީ ޕީރިއަޑުގައި ފްރޮންޓް ލައިންގައި މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ހޯދަން ޖެހެ އެވެ.
ފުލުހުންގެ މުއައްސަސާ އަށް އަލަށް ހުޅުވާލާފައިވާ ވަޒީފާގެ ފުރުޞަތުގެ ތެރޭގައި ސިވިލް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
ފުލުހުންގެ ވަޒީފާ އާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ވެބްސައިޓްގެ އެޑްރެހެކީ www.police.gov.mv އެވެ.