ޕްރޮސެކިއުޓާ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަރީފުގެ މައްޗަށް ދައުވާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދުދީދީ ގޮވާލައިފިއެވެ.
ޑީޑީ މިހެން ވިދާޅުވެފައިވަނީ މިއަދު ފުލުހުން ގާނޫނާއި ޚިލާފަށް މަޖިލިސް ތެރެއަށް ވަދެ، މަޖިލީހުގެ މެމްބަރުން ގަދަބާރުން ނެރެ، މަގުމައްޗަށް "އެއްލާލުމުގެ" ސަބަބުންނެވެ.
ޑީޑީ ވިދާޅުވެފައިވަނީ ސީޕީ އަރީފުގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުން އަންނަ ފުލުހން ވަނީ ކަނޑައެޅިގެން ގާނޫނު މުގުރާލާފައި ކަމަށާއި ވަގުތުން އެ ފުލުހުންގެ ކޮމިޝަނަރަށް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާއަކީ އޭރު މާލޭ އޭރިޔާ ކޮމާންޑަރުގެ މަގާމުގައި ހުރީތީ އުފުލާފައިވާ ދައުވާއަކަށްވާތީއާއި އެދައުވާ ކުރަނީ އެމަނިކުފާނާ ބެހޭ ކަމެއްގައިވެސް ނޫން ކަމަށްވާތީ މިއަދު ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވި ބޭފުޅާއަށް ފުލުހުން ކުރި ޣައިރު ގާނޫނީ އަމަލުގެ ސަބަބުން ދައުވާ ކުރަން ޖެހޭނެ ކަމާށް ޑީޑީ ވިދާޅުވެފައިވެއެވެ.
ފުލުހުން މިއަދު މަޖިލީހުގެ ތެރެއަށް ވަދެފައިވަނީ ގާނޫނު އަސާސީގައި ފުލުހުންނަށް މަޖިލީހުގެ ތެރޭގައި އެއްވެސް ގޮތަކަށް ހަރަކާތްތެރިވުމުގެ ހައްގެއް ދީފައިނުވާއިރު، ގާނޫނާއި ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ހަރު އަޑުން ގޮވާލަމުންނެވެ.