ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އިއްޔެގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
މި ރަސްމީ ދަތުރުފުޅުގައި އެކަމަނާ ވަނީ އައްޑޫގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތް ކުރައްވާ، ސެންޓަރުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން އެ ސެންޓަރުގެ މުވައްޒަފުންނާއި މަޝްވަރާ ކުރައްވާފައެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންގެ އިސް ބޭފުޅުންނާއި ވެސް މިނިސްޓަރު ޒެނީޝާ ވަނީ ބައްދަލުކުރައްވާފައެވެ.
އެގޮތުން އެކަމަނާ ވަނީ ޖެންޑަ މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތާއި ބެހޭގޮތުން މަޝްވަރާ ކުރައްވާ، އެކަންކަމާއި ގުޅިގެން ރާވާ ހިންގޭނެ ހަރަކާތްތަކާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މިނިސްޓަރު ޒެނީޝާ ވަނީ އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވާ، އެ ޖަމިއްޔާއިން ކުރިއަށް ގެންދާ މަސައްކަތްތައް އޮޅުންފިލުއްވާފައެވެ.
މީގެ އިތުރުންވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކަމާއިބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއްކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.