މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބާއްވަން އުޅުނު ޖަލްސާ ބޭއްވުނަ ނުދީ މަޖިލިސް "ހިސޯރުކޮށް" މެމްބަރުން މަޖިލީހުން ގަދަކަމުން ނެރުމަށްފަހު މަގުމައްޗަށް އެއްލާލުމުން ދެން ގާނޫނު ހަދަނީ ފުލުހުންތޯ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހް ސުވާލު އުފައްދައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މަޖިލީހުން ނެރުނު ފުލުސް އޮފިސަރަށް ނިސްބަތްކޮށް އިބޫ ވިދާޅުވެފައިވަނީ މެމްބަރުން ނެރުމަށްފަހު ދެން މަޖިލީހުގައި ތިބެނީ ފުލުހުންތޯ މަހުލޫފް ކައިރިން ސުވާލުކޮށްފައެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު މަޖިލީހުގައި ހިނގި ހާދިސާއާ ގުޅިގެން ވިދާޅުވެފައިވަނީ މަޖިލީހުގެ މެމްބަރުން މަޖިލިސް ތެރެއަށް ނުވަދެވޭނަމަ އެއީ މަޖިލިސް އުވުނީ ކަމުގައި ބެލެވިދާނެ ކަމަށެވެ.
މިއަދު މެމްބަރުން ބާއްވަން އުޅުނު ޖަލްސާއަށް ވަންނަން މަޖިލިސް ކައިރިއަށް ދިޔައިރު ސިފައިން ވަނީ މެމްބަރުންނަށް މިއަދ ނުވަދެވޭނެ ކަމަށާއި މިއަދު މަޖިލީހަށް ވަދެވޭނީ ހަމައެކަނި މަޖިލީހުގެ މުވައްޒިފުންނަށް ކަމަށް އަންގާފައެވެ. ސިފައިންނާއި ފުލުހުން މެމްބަރުންނަށް ހުރަސްއެޅި ނަމަވެސް ބައެއް މެމްބަރުން ވަނީ ފާރުމަތިން އަރައި މަޖިލީހުގެ ތެރެއަށް ވަދެފައެވެ.
ނަމަވެސް ފުލުހުން ވަނީ ފަހުން މެމްބަރުން މަޖިލީހުގައި ތިއްބައި، ގަދަ ބާރުން މެމްބަރުން މަޖިލީހުން ބޭރުކޮށްފައެވެ.