ފުުލުހުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެެއް ނަމަ ކަމާ މުއައްސަސާތަކަށް އެ ޝަކުވާތައް ހުށަހަޅައިގެން ބެލުމަކީ ފުލުހުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިގޮތަށް ބުނެފައި މި ވަނީ އައްޑޫގައި ފުލުހުން ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި ބައެއް އެސްއޯ ފުލުުހުން ރައްޔިތުންނަށް އަނިޔާ ކުރާ ކަމުގެ ޝަކުވާ ވަރަށް ގިނައިން އައްޑު ސިޓީ ކައުންސިލަށް ލިބޭ ކަމަށާއި މިދިޔަ ހުކުރު ދުވަހުގެ ރޭ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އައްޑޫ މޭޔަރު ވިދާޅުވުމާ ގުޅިގެން "އައްޑޫ ލައިވް" އިން ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިންސްޕެކްޓަރު އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެއްވެސް ބައެއްގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަންކަން ފާހަގަ ކުރުމަށް ފުލުހުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
"ފުލުހުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިވަން އެކިއެކި ޕީއައިސީ އާއި އެޗްއާރްސީއެމް އާއި އަދި އެ ނޫން ވެސް އިންޑިޕެންޑެންޓް މުއައްސަސާތަކަށް ހުށަހަޅައިގެން އެކަން ބެލުމަކީ ފުލުހުން އުފަލާ އެކު ބަލައި ގަނެ މަރުހަބާ ވެސް ކިޔާނެ ކަމެއް. އަދި މީގެ އިތުރުން ފުލުހުންގެ މުއައްސަސާ އަށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އަބަދު ވެސް އޮންނާނީ ހުޅުވާލެވިފައި،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރާނީ އަދި ކުރަމުން ގެންދާނީ ވެސް ރައްޔިތުންނަށް އަމާން ވެއްޓެއް ހޯދައި ދިނުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް."
ހަނީފް އަދި ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.