ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް އެމެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބަލައިގެންފި އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމަށް ކަނޑައެޅުމަށްފަހު މިހާރު ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން، މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ މައްސަލަވެސް ކޯޓުން ވަނީ ބަލައިގެންފައެވެ.
މެމްބަރުން ކޯޓަށް ހުށައެޅި މައްސަލަ ބަލައިގެންފައިވާ ކަމަށް ކޯޓުގެ ރަޖިސްޓްރާ ސޮއިކުރެއްވުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މެމްބަރުންގެ މައްސަލަ ކޯޓުން ބަލައިގަނެފައިވާ ކަމަށާއި، މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށްފަހު ގޮތެއް ކަނޑައަޅަންދެން މެމްބަރުންނަކީ އިންތިޚާބުވި ދާއިރާ ތަމްސީލު ކުރައްވާ މެމްބަރުންގެ ގޮތުގައި ދެމިތެބެވޭނެ ކަމަށެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަަމަށް ނިންމި ނިންމުން ބާތިލުވާނެއެވެ. އީސީއިން ވަނީ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށްވެސް ނިންމާފައެވެ.