Last Updated: July 26, 18:11
Sunday, July 26, 2026
ރިޕޯޓް

ފުލުހުންނާއި ސިފައިން ކުރީ ޖިނާޢީ ބޮޑު ކުށެއް!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މަޖިލީހުގެ އިދާރާއަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތް ތަކަށް ފުލުހުންނާއި ސިފައިން މިއަދު އެތައް ގޮތަކުން ހުރަސް އަޅައިފި އެވެ.

މަޖިލީހުގެ އިދާރާ ތެރެއަށް ފުލުހުންނާއި ސިފައިން ވަދެ މެންބަރުން ހައްޔަރުކޮށްގެން ނެރެފި އެވެ.

ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، މިއަދު ފުލުހުންނާއި ސިފައިން ކުރި ޢަމަލުތަކަކީ، "ޤައުމީ ޖިހާދެއް" ފަދަ ކަމެކެވެ.

ޤާނޫނީ ގޮތުން ބަލާއިރު މިއަދު ފުލުހުންނާއި ސިފައިން ކޮށްފައި ވަނީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެކެވެ. މަޖިލިސް މެންބަރުންނަށް ހުރަސް އެޅުއްވުމުގައި ބައިވެރިވި ހުރިހާ ފުލުހުން އަރައިގަތީ ޖިނާޢީ ކުށަކަށެވެ.

އެއީ ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 9/2014 "ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ޢަމަލެކެވެ.

އެ މާއްދާގައި ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް ހުރަސް އެޅުން މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ދައުލަތުގެ މަސައްކަތް ކުރުމަށް ހުރަސް އެޅުމާއި ދަތި ކުރުމަށް ކުރެވޭ އަމަލުތަކަކީ ކުށެކެވެ.

އެގޮތުން މިއަދު، މަޖިލިސް މެންބަރުންނަށް ހުރަސް އެޅުމަށް ފުލުހުންނާޢި ސިފައިން މިވަނީ މާއްދީ ގޮތުން ހުއްޓުވައިގެން މަޖިލިސް މެންބަރުންނަށް ހުރަސް އަޅުއްވާފައެވެ.

މި ޢަމަލު ހިންގެވި ވަކިވަކި ފުލުހުންނާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.

މިއަދު މަޖިލިސް މެންބަރުންނަށް ސިފައިންނާއި ފުލުހުން ހުރަސް އެޅުއްވުމުން ހާމަވެގެން ސިޔައީ، ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރެއްވި ކަމެވެ.ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންވެ ޣައިރު ޤާނޫނީ އޯޑަރުތައް ތަންފީޒު ކުރި ކަމެކވެ.

އެކަމުން ރެކެން ވެގެން ފުލުހުންނާއި ސިފައިން ތިމަންނާ މެން "ފޮލޯ ކުރީ އޯޑަރަށް" ކަމަށް ބުނެވޭކަށް ނެތެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވާން ނުޖެހޭކަން ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައެވެ.

މިހެން ޤާނޫނުގައި އޮތްވައި ފުލުހުންނާއި ސިފައިން "އޯޑަރު ފޮލޯ ކުރަން މަޖުބޫރު ވާން ޖެހޭނެ އެއްވެސް ގޮތެއް ނެތެވެ.