Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ޤާސިމްގެ އަޑު އެހުމެއް މާދަމާ

އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް މިއަދު ދޫކޮށްލުމާ އެކު އެ މަނިކުފާންގެ މައްޗަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ދައުވާގެ ޝަރީއަތެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

އެގޮތުން އެ މައްސަލައިގެ އަޑުއެހުން ބާއްވަން ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނެވެ. އެގޮތަށް ކްރިމިނަލް ކޯޓުން ނިންމާފައިވީ ނަމަވެސް، ޤާސިމް އަދިވެސް އޮތީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ޤާސިމްގެ ޝަރީއަތުގެ ކުރީގެ އަޑުއެހުން ވެސް ކެންސަލް ކުރަން ޖެހުނީ ޤާސިމް ހޮސްޕިޓަލްގައި އޮތުމުގެ ސަބަބުންނެވެ.

ޤާސިމް އިތުރު ފަރުވާއަށްޓަކައި ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކުރަމުންދާއިރު، އޭނާގެ ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައި އޮތުމުން، ބޭރަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. ރާއްޖެއިން ނުހެދޭ ބައެއް ޓެސްޓްތައް ޤާސިމް އަށް ހަދަން ޖެހިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި ޤާސިމްގެ ސިއްޙީ ހާލު ގޯސްވަމުން ދިއުމާއިއެކު އޭނާ އިތުރު ފަރުވާއަށް ބޭރަށް ނުފޮނުވާ މައްސަލަ ވަނީ އެޗްއާރްސީއެމް އަށް ވެސް ހުށައަޅާފައެވެ.

ޤާސިމް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ކުރިން ހުށައެޅި މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެއެވެ. އެ މައްސަލަ މީގެ ކުރިން ކޯޓަށް ހުށައެޅުމުން ވެސް ވަނީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުގެ ސަބަބުން ބޭރުކޮށްލާފައެވެ. އެހެންނަމަވެސް އެ މައްސަލަ ދައުލަތުން ވަނީ އަލުން ހުށައަޅާފައެވެ.