Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މައިކްރޯސޮފްޓުން "ޕެއިންޓް" ނައްތާލަނީ

ފޮޓޯ: ބީބީސީ

މައިކްރޯސޮފްޓްގެ ވިންޑޯސް 10 ގެ ފީޗާތަކުން މުޅިން ނައްތާލެވޭނެ ނުވަތަ އިތުރަށް ތަރައްޤީ ނުކުރާނެ ޕްރޮގްރާމްތަކުގެ ލިސްޓްގައި އެ ކުންފުނީގެ ގްރެފިކްސް ޕްރޮގްރާމް ކަމަށްވާ 'ޕެއިންޓް' ހިމެނިއްޖެ އެވެ.

ޕެއިންޓަކީ 1985 ވަނަ ވިންޑޯސް އޮޕަރޭޓިން ސިސްޓަމް ރިލީޒްވި އިރުއްސުރެ އެ އޮޕަރޭޓިން ސިސްޓަމްގެ ވަރަށް މުހިންމު ހިއްސާއެކެވެ. އެ ޕްރޮގްރާމަކީ ފަސޭހަކަމާއިއެކު އެއްޗެހި ކުރަހާ ކުލަޖައްސައި އަދި އެހެނިހެން އެފަދަ ކަންކަމަށްޓަކައި ބޭނުންކޮށް އުޅޭ ޕްރޮގްރާމެކެވެ.

ޕެއިންޓް ނައްތާލެވުނު ކަމުގައިވިޔަސް، ޕެއިންޓްގެ "ވާރުތަވެރިޔާ" ކަމަށްވާ 'ޕެއިންޓް 3ޑީ' ބޭނުން ކުރެވޭނެއެވެ.

ވިންޑޯސް 10 އަކުން ނައްތާލެވޭނެ ނުވަތަ އިތުރަށް ތަރައްޤީ ނުކުރެވޭނެ ޕްރޮގްރާމްތަކުގެ ލިސްޓް އާންމުކޮށްފައި ވަނީ ވިންޑޯސް 10 ފޯލް ކްރިއޭޓާސް އަޕްޑޭޓްގެ ބައެއްގެ ގޮތުގައެވެ. އެ އަޕްޑޭޓް ރިލީޒް ކުރެވޭނީ ކުރިއަށް އޮތް ޚިޒާން މޫސުމުގައެވެ.

މައިކްރޯސޮފްޓް އިން ބުނާގޮތުގައި އެ ލިސްޓުގައިވާ ފީޗާތަކަކީ ވިންޑޯސް 10 އަކުން ފޮހެލެވޭނެ ޕްރޮގްރާމްތަކާއި، އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ނުކުރެވި މުސްތަޤްބަލުގައި މުޅިން އެއްކޮށް ނައްތާލެވޭނެ ޕްރޮގްރާމްތައް ކަމަށެވެ.

އެ ލިސްޓުގައި ހިމެނޭ އެހެން ފީޗާތަކުގެ ތެރޭގައި އައުޓްލުކް އެކްސްޕްރެސް ވެސް ހިމެނެ އެވެ.

މި ޚަބަރު މީޑިއާގައި ފެތުރެން ފެށުމާއިއެކު ގިނަ ބަޔަކު ވަނީ އެކަމާއިމެދު ނުރުހަން ފާޅުކޮށްފައެވެ.