ފެށުނީއްސުރެ ގިނަ ބައެއްގެ ސަމާލުކަމާއި ތަރުހީބު ހޯދަމުން އަންނަ އިނގިރޭސި ޓީވީ ސީރީސް "ގޭމް އޮފް ތްރޯންސް" ގެ ހަތްވަނަ ސީޒަން މިހާރު ފެށިފައިވާ އިރު، ހަތްވަނަ ސީޒަންގެ ތިން ވަނަ އެޕިސޯޑްގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
އެ ޓީޒާ އިން ފެންނަ ގޮތުގައި ހަނގުރާމަ ވަނީ މިހާރު ފެށިފައެވެ. ޚަލީސީ ދަނީ އޭނާއަށް ހައްޤުވާ ހަތް ރަސްކަމުގެ ރަސްކަން ކުރުމަށްޓަކައި ތައްޔާރުވަމުންނެވެ. އަދި ޔޫރޯން ޔާރާ އަށް ހަމަލާދީ މަރާލައި ކެހިދިންކަން އޭނާއަށް އެނގެއެވެ. ހަނގުރާމައިގައި ވަރުގަދަ އަށް ހަމަލާދިނުމަށް ޚަލީސީ ހުރީ ތައްޔާރަށެވެ.
ގްރޭ ވާރމް ވެސް ދަނީ އޭނާގެ ލަޝްކަރު ކާސްޓަލީ ރޮކް އަށް ހަމަލާ ދިނުމަށްޓަކައި ތައްޔާރު ކުރަމުންނެވެ. ޔޯރޮން އޭނާގެ ރަށަށް އެނބުރި އައުމުން ހުރިހާ އެންމެން އޭނާއަށް އުފާވެރިކަމާއި އެކު މަރުހަބާ ކިޔައެވެ.
ހަނގުރާމަ ފެށިއްޖެ ކަމަށް ސާސީ ބުނެއެވެ. ހަމަލާ ދިނުމަށް ސާސީ ހުންނާނީ ތައްޔާރަށް ކަމަށް ޓީރިއަން ޚަލީސީ ގާތު ބުނެއެވެ.
މީގެ އިތުރުން ހަނގުރާމައިގެ ދެ ލަޝްކަރު އެކަކު އަނެކަކާއި ބައްދަލުވާ މަންޒަރު ވެސް ޓީޒާ އިން ފެނިގެން ދެއެވެ. ހަމަ އެއާއިއެކު އެންމެން ވެސް އިންތިޒާރު ކުރަމުން އައި މަންޒަރު ފެނެއެވެ. އެއީ ޖޯން ސްނޯ ޚަލީސީ އާއި ބައްދަލުވާ މަންޒަރެވެ.
ސީޒަން ހަތެއްގެ ތިން ވަނަ އެޕިސޯޑް ފެންނާނީ ޖުލައި 30 ގައެވެ. އެދުވަހަށްޓަކައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދާއިރު، ތިރީގައިވާ ޓީޒާ ބައްލަވާލައްވާށެވެ!