ފުޑް ސޭފްޓީ މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "އެޑިޔުކޭޝަން އެވެއަނަސް" ޕްރޮގްރާމެއް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ދަތުރުތަކުގައި ފުޑް ސޭފްޓީ މޯލްޑިވްސް ގެ ޓީމުގެ ހަރަކާތްތައް ބާއްވަން ހަމަޖެހިފައި ވަނީ ސްކޫލްތަކުގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ފުޑް ސޭފްޓީ މޯލްޑިވްސްގެ ޓީމު ދަތުރު ކުރަން ހަމަޖެހިފައިވަ ނީ މި މަހު 7 ވަނަ ދުވަހު ފުވަމުލަކަށެވެ.
ހަތް ވަނަ ދުވަހުން ފެށިގެން މައުލޫމާތު ދިނުމުގެ ސެޝަންތައް މި ޓީމް ބާއްވާނެއެވެ. އެގޮތުން ކޮންމެ ރަށެއްގައި ދެ ހަފްތާގެ މުއްދަތައް ހޮސްޕިޓަލިޓީ އިންޑަސްޓްރީ އާއި ބެހޭ މާއްދާތައް ކިޔަވައި ދިނުމުގެ އިތުރުން ޕްރީ ސްކޫލް ޓީޗަރުންނާއި ތުއްތު ކުދިންނަށް އާޓް އެންޑް ކްރާފްޓްގެ ހުނަރު ދަސް ކޮށް ދިނުމާއި ބެލޫން މޮޑެލިންގެ ހުނަރު ދަސްކޮށް ދިނުން ހިމެނެ އެވެ.
އަދި ބައިވެރިވާ ކުދިންނަށް ސެޓްފިކެޓް ދިނުމާއި ވަޒީފާ ހޯދައި ދިނުމުގައި ވެސް ފުޑް ސޭފްޓީ މޯލްޑިވްސްގެ ޓީމުން އެހީތެރި ވާނެ އެވެ.
މި މަހުން ފެށިގެން އެއް އަހަރު ދުވަހަށް ތާވަލް ކުރެވިފައިވާ މި ދަތުރުތަކުގައި ގދ. ގައްދޫ، ވާދޫ، ތިނަދޫ، ގއ. ގެމަނަފުށި، ވިލިނގިލި އަދި ލ. އަތޮޅުން މާވަށް، ތ. ގުރައިދޫ، ތިމަރަފުށި، ވޭމަންޑޫ އަދި ދ. ކުޑަހުވަދު އަށް ވެސް ދަތުރު ކުރާ ގޮތަށް
ރޭވިފައި ވެ އެވެ.
މިއިން ކޮންމެ ރަށެއްގައިު ޓްރޭނިން ނިންމުމަށް ފަހު އެ ރަށެއްގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ކުރެހުމުގެ މުބަރާތަކާ އެކު އެގްޒިބިޝަނެއް ބާާއްވަން ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ވަނަތަށް ހޮވައި އިނާމު ދިނުން ވެސް އޮންނާނެ އެވެ.
އިތުރު މައުލޫމާތު ހޯދުމަށް ފުޑް ސޭފްޓީ މޯލްޑިވްސްގެ ހޮޓް ލައިން 9777785 އަށް ގުޅުމުން ލިބޭނެ އެވެ.
ް