ގާނޫނީ ގޮތުން އުފެދިފައިވާ ރައްޔިތުންގެ ސަރުކާރެއް ޢައިރު ގާނޫނީ ހަރަކާތަކުން ވައްޓާލުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގައި ވާހަކަފުޅު ދައްކަވުން އާދަމް ޝަރީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރައްޔިތުން ބަލައިގެންފައިވާ ސަރުކާރެއް ކަމަށާއި، ކޮންމެ ކަމެއްގައިވެސް އެމަނިކުފާނަކީ ހިކްމަތްތެރިކަމާއި އެކު ކަންކަން ނިންމަވާ ބޭފުޅެއް ކަމަށާއި އެއްވެސް ފަރާތަކަށް ސަރުކާރު ހުއްޓުވުމަށް ނުގެނެވޭނެކަމަށެވެ.
ޝަރީފް ވިދާޅުވީ މާލެތެރެ ހަލަބޮލި ކޮށް ވަކި ތަނަކަށް އެއްވެ ވަކި ތަނެއްގައި ޖަލްސާ ބާއްވައި، ވަކި މީހަކުގެ ތާއިދު އަނބުރާ ގެންދިއުމަކުން ސަރުކާރު ވައްޓާނުލެވޭނެކަމަށެވެ. އަދި ގައުމީ ދިފާއީ ބާރުން ރާއްޖޭގެ އެކި މުވައްސަސާތައް ހިމާޔަތްކޮށް އަމަން ގާއިމް ކުރުމުގައި ދެމި ތިބޭނެކަށެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖްލިސްއަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން އިއްޔެ ވަނީ މެމްބަރުންނަށް ހުރަސް އަޅައިފަ އެވެ. އަދި މަޖްލިސްއަށް ވަދެތިބި ބައެއް މެމްބަރުން ވަނީ ގަދަކަމުން ބޭރުކޮށްފަ އެވެ.
މަޖްލިސް މެމްބަރުންނާއި ގާނޫނީ ގިނަ ވަކީލުން ވިދާޅުވާ ގޮތުން އެގޮތަށް ސަލާމަތީ ބާރުތަކަށް މަޖްލިސް ތެރެއަށް ވަދެ މެމްބަރުން ބޭރު ނުކުރެވޭނެ ކަމަށެވެ.