މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު އެރިކް ބެއިލީއަށް މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އިތުރު ދެ މެޗަށް ޔުއެފާއިން އޭނާ ސަސްޕެންޑްކޮށްފި އެވެ.
މިސަސްޕެންޝަނުގެ ސަބަބުން އޭނާއަށް އަންނަ އޮގަސްޓު މަހުގައި އޮތް ޔުއެފާ ސުޕަ ކަޕުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެއެވެ.
ބެއިލީއަށް ޔޫރޮޕާ ލީގުގެ ފައިނަލް މެޗުވެސް ގެއްލިފައިވާއިރު ސުޕަ ކަޕް މެޗު ގެއްލުމަކީ ޔުނައިޓެޑަށް ކުރިމަތިވާ ގޮންޖެހުމެކެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑު ޑިފެންސުގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ ބެއިލީ ވަނީ ޕްރީ ސީޒަނުގައި ކުޅުނު މެޗުތަކުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
އަންނަ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ސުޕަ ކަޕް މެޗު ރެއާލްއާއި ޔުނައިޓެޑު ކުޅޭއިރު މިދެޓީމު ވަނީ މި ޕްރީސީޒަނުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 އިން އެއްވަރުވުމުގެ ސަބަބުން ޕެނަލްޓީއަށް ގޮސް، މެޗު ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑެވެ.