އިއްޔެ ރައްޔިތުންގެ މަޖިލީހަށް އެއްވެސް މެމްބަރަކަށް ނުވަދެވޭނެ ކަމަށް އަންގައި، ސިފައިން މަޖިލީހުގައި ތަޅު އަޅުވައި ބަންދު ކުރުމުން މިއަދު ގަލޮޅު ދެކުނު އަދި އުތުރު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އީވާ އަބްދުﷲ ސިފައިންގެ ޔުނިފޯމް ކަހަލަ "ކެމަފްލާޖް" ހެދުމުގައި މަޖިލީހަށް ވަޑައިގެންފި އެވެ.
މަޖިލީހުގެ ހަތަރު ގޭޓުގައި ތަޅު އަޅުވައި ބަންދުކުރުމަށްފަހު މިއަދު ވަނީ ތަޅު ނައްޓާފައެވެ. ނަމަވެސް އަދިވެސް މަޖިލީހުގެ މައި އިދާރާގެ ތެރެއަށް އެއްވެސް މެމްބަރަކަށް ނުވަދެވެއެވެ. މެމްބަރުންނަށް ނުވަދެވޭނެ ގޮތަށް ސިފައިންގެ ހާއްސަ ޔުނިޓެއްގެ ސިފައިން ވަނީ އިދާރާ ކުރިމަތީ ފޯރިމަރަން ބައިތިއްބާފައެވެ.

މެމްބަރު މަހުލޫފާއި އީވާ ސިފައިންގެ ޔުނީފޯމުގައި މަޖިލީހަށް ވަޑައިގެންނެވިނަމަވެސް އަދިވެސް މަޖިލީހަށް ވަދެވޭނެ ގޮތެއް ވަނީ ނުވެފައެވެ. މަހްލޫފް ވިދާޅުވެފައިވަނީ ގަލޮޅުގެ ރައްޔިތުން މަޖިލީހަށް ނުވަންނަން ނާންގާ ހިނދަކު ދެ މެމްބަރުން މަޖިލީހަށް ނުވަނުމަށް އެއްވެސް ފަރާތަކަށް ނޭންގޭނެ ކަމަށެވެ.
އިއްޔެ ސަލާމަތީ ބާރުތަކާ މެމްބަރުންނާ ދެމެދު ހިނގި ހަމަނުޖެހުން ތަކެއްގައި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލަށް ވަނީ އަނިޔާވެ ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ޖެހިފައެވެ.

އަދި ބައެއް މެމްބަރުންގެ މޫނަށް ޕެޕާސްޕްރޭ ޖެހުމާއި ބާރުގެ ބޭނުންކޮށްގެން މަޖިލީހުން ބޭރުކުރުމަށް ސިފައިންނާއި ފުލުހުން ކުރި މަސައްކަތުގައި އެކި މެމްބަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެ.
ނަމަވެސް އެއްވެސް މެމްބަރަކަށް އަނިޔާ ނުވާގޮތަށް އަމަލު ކުރުމަށް ހަރަކާތްތެރިވި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ވަނީ އިރުޝާދު ދީފައެވެ.